ތައިލޭންޑުގައި ކުރިޔަށްދާ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގެ ރޭންކިން މެޗުގައި ޕެނަލްޓީ ޖަހައިގެން މޮންގޯލިއާ ބަލިކޮށް ރާއްޖެއިން ފުޓްސަލްގައި ބައިނަލްއަޤްވާމީ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މޮންގޯލިއާ އާއި ރާއްޖެ ކުޅުނު މެޗު ނިމުނުއިރު، އޮތީ 3-3 އިން އެއްވަރުވެފައެވެ. މޮންގޯލިއާގެ ބަޓޫކާ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ރާއްޖޭގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މޮންގޯލިއާގެ އަމްގަރާންގް އެ ޓީމަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނުމުން ވެސް ރާއްޖޭގެ ޝާއްޕެ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރާއްޖެ އަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ ހުސެއިން ޝަރީފް (އޮންލީ) ނެގި ހުރަހަކުން މުހައްމަދު ޔަފާއު (ޔާ)އެވެ. މޮންގޯލިއާ އެއްވަރުކުރި ގޯލު ޖެހީ ޕުރެޑޯރްޖޭއެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޖެހިއިރު، ރާއްޖޭން ޕެނަލްޓީތައް ކާމިޔާބުކުރީ އަބްދުﷲ ޝައްފާން (ޝާކާ)، އޮންލީ، މުހައްމަދު އިމްރާން (އިންމި)، ސާމިން މުހައްމަދު، އިޝާން އިބްރާހިމް (ސައްޓު) އެވެ. ހުޒައިފަތު ރަޝީދު (ހުޒޭ) ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، ޔާ ޖެހި ޕެނަލްޓީ އަމާޒުވީ ކީޕަރު އަތަށެވެ. މޮންގޯލިއާ އަތުން ތިން ޕެނަލްޓީ ނާކާމިޔާބުވިއިރު، ރާއްޖޭގެ ގޯލުގައި ހުރި ޒައިދާން އަހުމަދު ވަނީ މަތަކޮށްފައެވެ. މި މެޗުގައި ރާއްޖޭގެ އަނެއް ކީޕަރު އަބްދުﷲ ނާސިހަށް ވަނީ ކުޅެން ފުރުސަތު ދީފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ރާއްޖޭގެ ޝާއްޕެ އެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުގައި ވެސް ޝާއްޕެ ވަނީ ރަނގަޅަށް ކުޅެފައެވެ.
ރާއްޖެއިން ބަލިކުރި މޮންގޯލިއާ އަކީ ދުނިޔޭގެ ފުޓްސަލް ރޭންކިންގެ 108 ވަނައިގައި ހިމެނޭ ގައުމެކެވެ. މި މޮޅާއެކު ރާއްޖެއަށް ރޭންކިންގައި ރަނގަޅު ހިސާބަކަށް ދެވޭނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ