ވިލިމާލޭގެ ސިނާއީ ސަރަޙައްދު ކުލި ދައްކައިގެން ނަގާފައިވާ ފަރާތްތަކަށް ބަދަލު ދޭނެ ގޮތެއް ހޯދައިނުދީ އެބިން ހުސްކުރަން ޕްލޭނިންގް މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލަށް ސިޓީ ފޮނުވުމަކީ ހިތާމަކުރާ ކަމެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 44 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އައިފާން ވަނީ މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ކޮށްދޭ މަސައްކަތްތަކަށް ސަރުކާރުން ކުރަނީ ޖެއްސުންތަކެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި އައިފާން ވަނީ އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މިއާއިއެކު އައިފާން ވިދާޅުވީ ވިލިމާލޭގެ ސިނާއީ ސަރަޙައްދު ކުލި ދައްކައިގެން ނަގާފައިވާ ފަރާތްތަކަށް ބަދަލު ދޭނެ ގޮތެއް ހޯދައި ނުދީ އެބިން ހުސްކުރަން ސިޓީ ފޮނުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
މީގެ އިތުރުން އައިފާން ވިދާޅުވީ ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއްގައި މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އެގޮތުން ތިލަމާލެ ބްރިޖްގެ މަސައްކަތުގައި ވިލިމާލެން ބިމެއް ބޭނުން ވުމުން ސިޓީ ކައުންސިލުން ވިލިމާލެ އިންވެސް ބިމެއް ދީފައިވާނެ ކަމަށާއި އަދި ހަމަ އެމަޝްރޫޢުއަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ވެސް ދީފައިވާކަން އައިފާން ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް ކައުންސިލުން ބެނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ނުދޭކަމުގައި ވިދާޅުވެ ހުޅުމާލެ މައްސަލައިގައި ރައީސް އޮފީހަށް ސިޓީ ފޮނުވުމުންވެސް އެއްބާރުލުން ދީފައިނުވާ ކަމުގައި އައިފާން ވިދާޅުވިއެވެ.
އައިފާން އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކެބިނެޓްގެ މެންބަރުންނަށް ލާމަރުކަޒީ ނިޒާމު ދަސްކޮށްދޭން ޖެހޭ ކަމަށެވެ.