ޓްރަމްޕުގެ ވެރިކަމާއި އެންމެ ވައްތަރީ ރައީސް ނަޝީދުގެ ވެރިކަމާއި: ޚަލީލް

ޓްރަމްޕުގެ ވެރިކަމާއި އެންމެ ވައްތަރީ ރައީސް ނަޝީދުގެ ވެރިކަމާއި: ޚަލީލް

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2020 01:47
0

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕުގެ ވެރިކަމާއި ރާއްޖެއިން މިސާލުނަގާނަމަ އެންމެ ވައްތަރީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމާއި ކަމުގައި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބޮޑު ނާކާމިޔާބަކާއި ކުރިމަތިވެފައިވާ ޓްރަމްޕުގެ ވެރިކަން ނިމުނު ގޮތަށް އިޝާރާތް ކުރައްވައި، ޑރ.ޚަލީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ2008 ވަނަ އަހަރު ރާއްޖޭގައި އުފެދުނު ވެރިކަމުގައި ރައީސްކަން ކުރެއްވި ބޭފުޅަކީ އަޚްލާގު ދަށް ބަސްމަގު ހުތުރު ބޭފުޅެއްކަމަށެވެ. ރައީސް ނަޝީދަށް ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރެވުނީވެސް މިސަބަބަށްޓަކައި ކަމުގައި ޚަލީލް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕުގެ ވެރިކަން ރާއްޖޭގަ ނަމަ އެންމެ ވައްތަރީ ރައީސް ނަޝީދުގެ ވެރިކަމާއި. އޭރު ރާއްޖޭގެ ވެރިކަގައި ވެސް ހުންނެވީ އަޚްލަޤުދަށް ބަސްމަގު ހުތުރު ބޭފުޅެއް. ނަތީޖާއަކީ5 އަހަރުގެ ދައުރު ފުރިހަމަ ނުކުރެވި އިސްތިއުފާ ދެއްވަންޖެހުން.

– އަބްދުﷲ ޚަލީލް

ޚަލީލް މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ މީގެ ދެ ދުވަހެއް ކުރިން ޑރ.ޝަހީދު ޓްރަމްޕަކީ ދިވެއްސެއްކަން ވަރަށް އިތުބާރު ހުރި މަސްދަަރަކުން އެނގިވަޑައިގެންފައިވާ ކަމަށާއި އޭނާ އަކީ ޕީޕީއެމްގެ "ރަތްލާޖެހި މެމްބަރެއް" ކަން ވެސް އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ޖޯކު ޖައްސަވާފައެވެ.

އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާތައް އާންމުކުރެވި، އަދި ޖޯބައިޑްން އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން ރަސްމީކޮށް އިއުލާނު ކުރުމަށްފަހުވެސް ކުރެއްވި ޓްވީޓުތަކުގައި، އިންތިޚާބު ބޮޑުތަނުން އޮޅުވާލާފައިވާކަމަށް ޓްރަމްޕް ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. އެހެންނަމެސް، ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ގިނަ އިސްފަރާތްތަކުންވެސް ވަނީ ނަތީޖާ ގަބޫލުކޮށް އިންތިޚާބީ ރައީސަށް މަރުހަބާ ވިދާޅުވެފައެވެ.

ބައިޑްން އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ، ދެކެޑިޑޭޓުން އެންމެ ގާތުން ވާދަކުރަމުން އައި ޕެންސިލްވޭނިއާ އެންމެފަހުން ކާމިޔާބުކޮށް، 270 އަށްވުރެ ގިނަ އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަގާމުގެ ހުވާ ކުރެއްވުމާއެކު ޖޯ ބައިޑްން ވެވަޑައިގަންނަވާނީ އެމެރިކާގެ 46 ވަނަ ރައީސަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.