ބޮލީވުޑްގެ އޭލިސްޓްގައި ގުނާލެވޭ ކުޅަދާނަ އެކްޓަރ ރަންވީރު ސިންގް ހުރީ އޭނާއެކޭ އެއްފަދައިން ބޮލީވުޑްގައި ފައިތިލަ ސާބިތު ކޮށްގެން ހުރި ރަންބީރު ކަޕޫރާއި އެކުގައި ފިލްމްއެއް ކުޅެލަން ކެތް މަދުވެފައި ކަމަށް ރަންވީރު ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އޭނާ އިންސްޓަގްރާމްގައި ކުރިއަށް ގެންދިއަ 'ކިއު އެންޑް އޭ' އެއްގައެވެ. އެގޮތުން ވަރަށް ބިޒީކޮށް އުޅެމުން ރަންވީރު ވަނީ އިންސްޓަގްރާމު މެދުވެރިކޮށް ސަޕޯޓަރުން ކުރި ސުވާލު ތަކަށް ޖަވާބު ދީފައިއެވެ.
ރަންވީރާއި ރަންބީރު އެންމެ ފަހުން ސްކީނުން އެކުގައި ފެނިގެން ގޮސްފައިވަނީ ކޮފީ ވިތު ކަރަންގެ އެޕިސޯޑަކުންނެވެ. އެ ޝޯގައި ދެ ތަރިން ފެނިގެން ދިއައީ ގާތް އެކުވެރިންގެ ގޮތުގައެވެ.
2018 ވަނަ އަހަރު ރަންވީރު ސިންގް އާއި އެކްޓްރެސް ދީޕިކާ ޕަޑުކޯން ކައިވެނި ކުރުމުގެ ކުރިން ވަރަށް ސީރިއަސް ކޮށް ދީޕިކާ އާއި ރަންބީރު ވަނީ ލޯބިގެ ގޮތުން ގުޅިގެން އުޅެފައެވެ.
އެއީ 2008 ވަނަ އަހަރުގައި ދެ ތަރިން އެކުގައި ކުޅުނު ފިލްމަކަށްފަހު އެދެމެދުގައި އުފެދުނު ލޯތްބެއް ކަމަށްވެއެވެ. އަދި ރަންބީރާއި ދީޕިކާގެ ލޯބި ސިއްރު ކުރުމަށް އެއްވެސް މަސްއްކަތެއް ނުކުރެއެވެ. އެ ދެތަރިން އުޅުނީ ފާޅުގައެވެ.
ނަމަވެސް 2010 ވަނަ އަހަރު އެގުޅުން ނިމުމަކަށް އައީ ރަންބީރު ބޭވަފާ ތެރިވުމުން ކަމަށް އިންޓަވިއު ތަކުގައި ދީޕިކާ ދިޔައީ ބުނަމުންނެވެ. ރަންބީރު ވެސް ވަނި އެކަމަށް އިއުތިރާފް ވެފައެވެ.
އެއަށް ފަހު ދީިޕިކާ އާއި ރަންވީރު ލޯބީގެ ގޮތުން ގުޅިފައިވަނީ 2012 ވަނަ އަހަރުއެވެ. އަދި އެމީހުން އޭގެ ހައެއްކަ އަހަރު ފަހުން ކައިވެނި ކުރީއެވެ.