ޔޫކުރެއިންއާއި އިންވެގެން އޮތް 3 ގައުމެއް ކަމުގައިވާ ޗެކް ރިޕަބްލިކްއާއި ޕޮލޭންޑް އަދި ސްލޮވޭނިއާގެ ބޮޑުވަޒީރުން، ޔޫކުރެއިންގެ ރައީސް ޒެލެންސްކީއާއި ބައްދަލު ކުރުމަށްޓަކާ، ހަނގުރާމައިގެ ހާލަތުގައި އޮތް ޔޫކުރެއިންގެ ވެރިރަށް ކީވްއަށް ވަޑައިގެންފިއެވެ.
މި ތިން ގައުމުގެ ބޮޑުވަޒީރުން، ހަގުރާމަ ހިގަމުންދަނިކޮށް، ޔޫކުރެއިންގެ ވެރިރަށަށް ވަޑައިގެންފައި މިވަނީ، ހަގުރާމައިގެ މިހާލަތުގައިވެސް މިގައުމުތައް ތިބީ ޔޫކުރެއިންއާއެކީކަން ސާބިތު ކޮށްދިނުމުގެ ގޮތުންނާއި އަދި ރަޝިއާގެ އުދުވާންއާއި ދެކޮޅަށް އެގައުމުން ކުރަމުންދާ ހަނގުރާމާގައި ޔޫކުރެއިން ގިނިކަންޏާ ދޫކޮށް ނުލައްވާނޭކަން އެގައުމަށް ޔަގީން ކޮށްދިނުމުގެ ގޮތުންނެވެ.
ކީވްގައި ބޭއްވުނު މި ބައްދަލުވުމަށްފަހު އަނެއް ދެގައުމުގެ ބޮޑުވަޒީރުންނާއި އެކީ ހުންނަވާ ޗެޒް ރިޕަބްލިކްގެ ބޮޑުވަޒީރު ޕީޓަރ ފިއާލާ ވިދާޅުވީ، އަންގާރަ ދުވަހުގެ މި ބައްދަލުވުމުން، ޔޫކުރެއިންގެ ރައީސް ޒެލެންސްކިއާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެން ދިއުމުން "ވަރަށް މުހިންމު ކަންކކަމާއި" ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ހިގައްޖެ ކަމުގައެވެ.
"އަހަރެމެންގެ މި ދަތުރުގެ އެންމެ މުހިންމު މަގުސަދަކީ އަދި ބޭނުމަކީ ޔޫކުރެއިންގެ އަޚުނަށް އެމީހުން ތިބީ ގިނިކަންޏާ ނޫންކަން ޔަގީން ކޮށްދިނުން، މުޅި ޔޫރަޕް އޮތީ ޔޫކުރެއިންއާ އެކީކަން ޔަގީން ކޮށްދިނުން،" ނޫސްވެރިންގެ ބައްދަލުވުމުގައި ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު ޕީޓަރ ފިއާލާ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޔޫކުރެއިންގައި ހަނގުރާމަކުރަމުންދާ ފިރިހެނުންގެ އަބިންނާއި އެމީހުންގެ ދަރިން ރައްކާތެރިކަމާއެކު ބަލަހައްޓަމުން ދާކަމުގެ ޔަގީންކަން އެރުވުމަކީވެސް އޭނާގެ އެއް މަގުސަދު ކަމުގައެވެ.
ބޮޑުވަޒީރު ފިއާލާ ވިދާޅުވި ގޮތުގައި ޗެޒް ރިޕަބްލިކްގައި މިހަރު ޔޫކުރެއިންގެ 250،000 ރެފިއުޖީން އެބަ ތިއްބެވެ.
"އެމީހުންގެ ހިތްވަރަށް އަހަރުމެން ފަށްފަށުން ސާބަސްދެން، އަދި އަހަރުމެން ކުރިޔަށް އޮތް ތަނުގައިވެސް ޔޫކުރެއިންއަށް ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށް ދެމުން ދާނަން."
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ބައްދަލުވުން ކުރިޔަށް ދިޔައިރުވެސް ގޮވުމުގެ އަޑުތައް ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް އިވިގެން ގޮސްފައެވެ.