އެކްޓަރ ޕްރަބާސްގެ ކައިވެންޏަށް އެދި 5000 އަށް ވުރެ ގިނަ ހުށައެޅުން އައި ކަމަށް އޭނާ ބުނެފިއެވެ.
އެސް.އެސް ރާޖަމޯލީގެ "ބާހޫބަލީ" އަށް ފަހު ޕްރަބާސް ކައިވެނި ކުރާނެ ކަމަށް ވަނީ ބުނެފައެވެ. 42 އަހަރުގެ ޕްރަބާސްއަކީ ސައުތު ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރެވެ.
ޕްރަބާސް ބުނީ ބާހޫބަލީއަށް ފަހު އޭނާއަށް އެހާ ގިނަ ކައިވެނީގެ ހުށަހެޅުން ލިބުމުން ވަރަށް ހައިރާންވި ކަމަށެވެ. ކައިވެނި ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި އެކަމަކު ކައިވެނިކުރާނީ ސީދާ ކޮންއިރަކު ކަމެއް ބުނަން އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އަދި މަންމަ ވެސް އަބަދު އެދެނީ ކައިވެނި ކުރަންކަމަށާއި އެކަމަށް އެންމެ ރަގަޅު ވަގުތުގައި އެކަން ކުރާނެކަމަށްވެސް ޕްރަބާސް ބުނެއެވެ.
ކައިވެންޏާ ބެހޭގޮތުން އޭނާ ވާހަކަ ދެއްކީ އޭނާގެ ކުރިއަށް އޮތް ފިލްމް "ރާދޭ ޝިޔަމް"ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ. އެ ފިލްމް މި މަހުގެ 11 ވަނަ ދުވަހު ވަނީ ރިލީޒްކޮށްފައެވެ.
އޭނާ މުޅި ދުނިއެއަށް މަޝްހޫރު ވެގެން ދިއައީ "ބަހޫބަލީ" އިންނެވެ. ނަމަވެސް އެ ފިލްމު ކުޅުމުގެ ކުރިންވެސް އޭނާ އަކީ ސައުތު އިންޑަސްޓަރީގެ އެންމެ ޑިމާންޑް ބޮޑު އަދި އެންމެ މަގުބޫލު އެއް އެކްޓަރެވެ. މިހާރު އޭނާ ވަނީ ބޮލީވުޑުގައި ވެސް ފައިތިލަ ސާބިތުކޮށްފައެވެ. އެގޮތުން ބޮލީވުޑްގެ އަލަތު ފިލްމް "ސާހޯ" އިން އޭނާ ފެނިގެން ދިއައީ ޝްރައްދާ ކަޕޫރާ އެކުގައެވެ.
މިހާރުވެސް އޭނާ އަންނަނީ ބޮލީވުޑްގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "އަދިޕުރުޝް" އެވެ.
ކޮމެންޓު ފޮނުވާ