ރާއްޖެއަށް ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭނެކަމަށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކޮށް، ކެމްޕެއިން ފަށާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުމުން އުމަރު ރޭ ބޭއްވި "ވާމް އަޕް" އިވެންޓުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގައި މިވީ އަހަރުތަކުގެ ތެރޭގައި ފާހަގަވެފައިވަ ބޮޑެތި ހުރިހާ މައްސަލައެއް ހުރިހާ ވެރިކަމެއް ނިމި އާވެރިކަންތައް ފަށާއިރުވެސް ހުރީ ހުރި ގޮތަށް ކަމަށެވެ. މިއިން ކަމަކަށް މިހާތަނަށް އެއްވެސް ހައްލެއް ހޯދިފައި ނުވާކަމަށާއި، ނަމަވެސް މިކަމުގެ ހައްލު އެބައޮތްކަމަށް އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް އޮތް ހައްލަކީ އޭނާކަމަށެވެ. 2023ގެ ރިޔާސީ އިންތިޚާބުގައި، އޭނާ ވާދަކުރަނީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަަށް ކަމަށާއި، އެކަން ހަގީގަތަކަށް ހަދާނީވެސް އޭނާކަމަށެވެ.
އުމަރު ވަނީ އޭނާގެ ސިޔާސަތުތައް މިޖަލްސާގައި ބައިވެރިވި މީހުންނާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު އެއްމައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ގެންގުޅުއްވާ ސިޔާސަތު އުމަރުވަނީ ހިއްސާ ކުރައްވާފައެވެ. އުމަރު ވިދާޅުވީ މަސްތުވަތަކެތި ހުއްޓުވެނީ އެކަމުގެ އެންމެ ފުރަތަމަ މަގު ބަންދު ވެގެންކަމަށެވެ. އެއީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހާ ހުއްޓުވިގެންކަމަށެވެ.
އެކަން ކުރުމަށްޓަކައި، އޭނާގެ ސިޔާސަތަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހާއަށް މަރުގެ އަބަދު ދިނުންކަމަށެވެ. އެކަން ތަންފީޒު ކުރުމަކީ އޭނާގެ ވެރިކަމެއްގައި ކުރާނެ ކަމެއްކަމަށް އުމަރު ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ބޮޑު ޒަމާންވީ މައްސަލައަށް ހައްލު ނުހޯދޭ ސަބަބުވެސް އެގޭކަމަށާއި، އެއީ ވަރަށް ގިނަ ބަޔަކާއި ގުޅިފައިވާ ފުޅާ ހަރަކާތެއްކަމަށް އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން ވައްކަމާއި ކޮރަޕްޝަންގެ ކަންކަންވެސް ހުއްޓުވުމުގައިވެސް ހުރި މައްސަލަތަކަށް އުމަރުވަނީ ހައްލު ހުށަހަޅާފައެވެ. އޭނާ ވިދާޅުވި މިއަދު ރާއްޖޭގައި ދިމާވާ ހުރިހާ ކަމެއް ހައްލުވެ އޮތް ކަމަކީ، ވެރިންނަށް އެކަންކަމާއި ކުރިމަތިލާން ނުކުރުންކަމަށެވެ. މިހާރުވެސް ވެރިކަމުގައިތިއްބެވި ބޭފުޅުންގެ ތިއްބެވީ މިކަންކަން ހައްލު ކުރުމުގައި ފައިލްވެފައި ކަމަށާއި، މިކަންކަމުގެ ހައްލަކީ އޭނާކަމަށް އުމަރު ވިދާޅުވިއެވެ.