ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހުމުން ރާއްޖެ ގެނައި އާއިލާގައި ހިމެނޭ ކުދިންނަށް ރަށްވެހިކަމާއި ރަޖިސްޓްރޭޝަނާއި ގުޅޭ ކަންކަންކޮށްފައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ޑީއެންއޭ ކަށަވަރު ކުރުމަށްފަހު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހަނގުރާމައަށް 2013 ވަނަ އަހަރު ރާއްްޖެއިން ފުރައިގެންދިޔަ އާއިލާއެއްގެ ތެރެއިން 33 އަހަރުގެ އަންހެނަކާއި ހަތަރު ކުޑަކުއްޖަކު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. މިއީ ހަނގުރާމައަށް ދިޔަ އާއިލާއަށް ރާއްްޖެ ގެނައި ފުރަތަމަ ފަހަރެވެ. އެ މީހުން މިހާރު ތިބީ އިދާރީ ބަންދެއްގައި ރީ އިންޓަގްރޭޝަން ސެންޓަރުގައެވެ.
ފުލުހުން ބުނީ ގާނޫނުގައިވާ ގޮތުގެ މަތިން އެ މީހުން ރިސްކް އެސެސްމަންޓް ހެދުމަށްފަހު ޖިނާއީ ތަހުގީގު ހިންގަންޖެހޭ މީހަކު ހުރި ނަމަ ތަހުގީގު ހިންގާނެ ކަމަށެވެ. އަދި ކުޑަކުދިންގެ ތެރެއިން ދެ ކުއްޖަކު އުފަންވީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ އެ ކުދިންގެ ޑީއެންއޭ ހެދުމަށްފަހު އެ ކުދިންގެ ރައްޔިތުކަމާ ގުޅޭ ކަންކަން މިހާރު ހަމަޖައްސާފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
ހަނގުރާމައަށް ރާއްޖެއިން ބޭރަށް ދިއުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ބޮޑެތި އަދަބު ލިބޭ ކުށެކެވެ. ގިނަ އަދަދެއްގެ ދިވެހިން މިހާރު ވެސް ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރެއެވެ.