ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އިންޓަ މިލާން އަތުން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރިހޯދައި މުބާރާތުގެ ކުއާޓާ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.
އެންފީލްޑްގައި މިރޭ ކުޅުނު މި މެޗުގައި އިންޓަ މިލާން އަތުން ލިވަޕޫލް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގައި އިންޓަގެ ދަނޑުގައި 0-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރިހޯދާފައި އޮތުމުން، 1-2 ގެ އެގްރިގޭޓް ނަތީޖާއިން ލިވަޕޫލް ކުރިހޯދާ އެޓީމު ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
ލިވަޕޫލް އާއި އިންޓަ މިލާން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްގެން ކުޅުނީ އިންޓަ މިލާނުންނެވެ. ނަމަވެސް ލިވަޕޫލުން ވަނީ މި މެޗުގައި ނުރައްކާތެރިން ހަމަލާތަކެއް އިންޓަގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން މުޅި މެޗުގައި ކަހަލަ ގޮތަކަށް ދެތިން ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.
މި މެޗުގައި އިންޓަ އިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފް ފަށައިގެން 61 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ލައުޓާރޯ މާޓިނޭޒްއެވެ. މި ލަނޑު ޖެހިތާ 2 މިނެޓު ފަހުން އިންޓަގެ އަލެކްސިސް ސަންޗޭޒަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުގެ ސަބަބުން މެޗުގެ ބަކީ ބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.
ކޮމެންޓު ފޮނުވާ