2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި، ގެރެންޓީ ހިމަނައިގެން 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަ ވިދާޅުވީ މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 އިންސައްތަ ކަމަށެވެ. ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވީ މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ ކޯވިޑް-19ގެ ސަބަބުން، ކުރިން އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީޑީޕީ 29.3 އިންސައްތަ އިން ދަށްވެ އާމްދަނީ ދަށްވުމާ ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުންނެވެ. އެހެންކަމުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު އިތުރު ވެފައި ވާކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެކަމަށެވެ. ނަމަވެސް މެދުރާސްތާގައި ދަރަނި 'ސަސްޓެއިނަބަލް' މަގަށް ގެންނަން، ގައުމީ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
"ޖީޑީޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު 'ގްރޯތް ޕާތް' އަކަށް ދާންޖެހޭ. 2021 ވަނައަހަރު ބަޖެޓުގެ އަމާޒަކީ މިއީ. ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުން."
– މިނިސްޓަރ އަމީރު
ރާއްޖެގެ އިޤްތިސާދު ސަލާމަތްކުރަން ދަރަނި މެނޭޖްކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އޮތް އަހަރުތަކުގައި ކުރަން ޖެހޭނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް މިކަމުގައި ތަޖުރިބާކާރުންގެ ލަފާއާއި އިރުޝާދު ބޭނުންކުރަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަމީރު ވިދާޅުވީ، ލޯނު ނެގުމުގައި ކޮންސެޝަނަލް ލޯނު ނެގުމަށް އަމާޒުހިފާ، ކްރެޑިޓަރސް ކޮންފަރެންސެއް، ބޭއްވުމުގެ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ.
"ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއް. ދެމިހެއްޓެނިވި މަގަށް ގެނައުމަށް 'ފިސްކަލް ކޮންސޮލިޑޭޝަން' އަކީ މިވަގުތު ބުއްދިވެރިކަމެއް ނޫން. ފިސްކަލް ކޮންސޮލިޑޭޝަންއަކަށް ދާންޖެހޭނީ ރިކަވަރީއަށް ފަހު."
– މިނިސްޓަރ އަމީރު
މި ހިނގާ 2020 ވަހަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރައްވަނީ 70.3 ބިލިއަން ރުފިޔާގައެވެ. އެއީ ޖީ.ޑީ.ޕީގެ ނިސްބަތުން 121.4 އިންސައްތައެވެ. ނަމަވެސް 2020 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު އެކުލަވާލި ދައުލަތުގެ ބަޖެޓުގައި މި އަހަރު ނިމޭއިރު ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައި އޮތީ 67.9 ބިލިއަން ރުފިޔާގައެވެ.
ކޮމެންޓު ފޮނުވާ