މުކުރިމަގު ސްކޫލުގައި 2 ކްލާސްރޫމް އަޅަން ޖަޕާނުން 1.2 މިލިއަން ރުފިޔާ

މުކުރިމަގު ސްކޫލުގައި 2 ކްލާސްރޫމް އަޅަން ޖަޕާނުން 1.2 މިލިއަން ރުފިޔާ

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2022 08:34
0

ލ.ގަމު މުކުރިމަގު ސްކޫލުގައި ދެ ކްލާސްރޫމް ހަދަން ޖަޕާނު ސަރުކާރުން 1.2 މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ.

މިއީ ހިލޭ އެހީގެ ގޮތުގައި އެ ގައުމުގެ "ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް" (ޖީޖީޕީ) ގެ ދަށުން ހަދިޔާކުރި ފައިސާއެވެ. މި އެއްބަސްވުމުގެ ދަށުން މުކުރިމަގު ސްކޫލުގައި އެލްކޭޖީ އާއި ޔޫކޭޖީއަށް ޚާއްސަ ދެ ކްލާސްރޫމް ޢިމާރާތް ކުރާނެއެވެ. އަދި ގުދުރަތީ ކާރިޘާތަކުގައި އިވެކުއޭޝަން ޝެލްޓަރެއް ހަދަންވެސް އެއެހީ ބޭނުން ކުރެވޭނެކަމަށް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ވިދާޅުވެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވަނީ ފެށުނީއްސުރެ ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވާފައެވެ. މިގޮތުން އަތޮޅުތަކުގެ ސްކޫލްތައް ޢިމާރާތްކުރުމަށާއި ތަރައްޤީކުރުމަށް ޖަޕާނު ސަރުކާރުން އެހީތެރިވެދީފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކުޗީ މިޑޯރީ ވިދާޅުވީ ޖަޕާނުން ފޯރުކޮށްދިން އެހީގައި ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި އެންމެ އެކަށީގެންވާ ކްލާސްރޫމްތައް އެޅިގެންދާނެކަމަށެވެ. އަދި މުދައްރިސުންނަށްވެސް ފިލާވަޅުތައް އުނގަންނައިދިނުމުގައި ފަސޭހަވެގެންދާނެކަނަށް އޭނާ ފަހަގަކުރެއެވެ.އެވެ.

އެ އެހީގެ އެއްބަސްވުމުގައި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކުޗީ މިޑޯރީ އެވެ. މުކުރިމަގު ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް އަބްދުﷲ ޝަރީފެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.