އާސެނަލް ހަތަރު ވަނައަށް، ސިޓީ ފަސްބެލުމެއް ނެތި ކުރިޔަށް

އާސެނަލް ހަތަރު ވަނައަށް، ސިޓީ ފަސްބެލުމެއް ނެތި ކުރިޔަށް

Author
ޔޫސުފް
07 މާރޗް 2022 01:18
0

އިނގިރޭސި ޕްރިމިއާ ލީގުުގައި ވަޓްފޯޑް ބަލިކޮށް އާސެނަލް ހަތަރު ވަނަ އަށް ކުރިޔަށް ޖެހިލިއިރު، މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ލީގުގެ އެއްވަނައިގައި މުހިންމު 3 ޕޮއިންޓް ހޯދައިފިއެވެ.

ލީގުގައި މިރޭ އާސެނަލް ވަޓްފޯޑްގެ މައްޗަށް ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. އަދި ސިޓީ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު ޔުނައިޓެޑް ބަލިކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު 5 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކެވިން ޑި ބްރޭނާއެވެ. ނަމަވެސް މެޗުގެ 22 ވަނަ މިނެޓުގައި ޔުނައިޓެޑުން އުފެއްދި ކައުންޓަރ އެޓޭކެއްގައި އެޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަންޗޯއެވެ. ސަންޗޯ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިންތާ 6 މިނެޓު ފަހުން އަނެއްކާވެސް ޑި ބްރޭނާ ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ސިޓީއަށް މި މެޗުގައި ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުންނެވެ.

ސިޓީން މި މެޗުގައި ޖެހި ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޔާދު މާރޭޒްއެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 28 މެޗުން ލިބުނު 69 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި ލިވަޕޫލަށް އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިން ވަނައިގައި އޮތް ޗެލްސީ އަށް 26 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ހަތަރު ވަނައިގައި އޮތީ 25 މެޗުން 48 ޕޮއިންޓާ އެކުއެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 28 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ.

މީގެ އިތުރުން މިރޭ އާސެނަލް އާއި ވަޓްފޯޑް ބައްދަކުރި މެޗު 2-3 ގެ ނަތީޖާއަކުން އާސެނަލް ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގައި އާސެނަލްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، މާޓިން އޮޑެގާޑް، ބުކާޔޯ ސަކާ، އަދި ގަބްރިއެލް މާޓިނެލީއެވެ. ވަޓްފޯޑުން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކޫޗޯ ހެނާންޑޭޒް އަދި މޫސާ ސިސޯކޯއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.