ބޮލީވުޑް އެކްޓްރެސް ބިޕާޝާ ބާސޫ އާއި މޮޑެލް ކަރަން ސިންގް ގްރޯވާ ކައިވެނި ކޮށްގެން އުޅޭތާ 5 އަހަރަށް ވުރެ ގިނަދުވަސް ވެފައި ވާއިރުވެސް، އެ ކައިވެންޏަށް ދަރިއަކު ނުލިބޭތީ އެމީހުންގެ ފޭނުންނާއި ބައެއް މީޑިއާތަކުން ވެސް ދޭތެރެ ދޭތެރެއިން ސުވާލު އުފައްދަމުން އާދެއެވެ. އެ ދެމަފިރިން ވަނީ ދާދިފަހުން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.
"ޕިންކްވިލާ"އާ ވާހަކަ ދައްކަމުން ބިޕާޝާ ބުނީ، ބަނޑުބޮޑު ކަމަށްބުނެ ފަތުރާ ވާހަކަތަކުން ރުޅި އަންނަ ކަމަށެވެ.
"އަހަރެން ހަމަ ކިރިޔާވެސް ބަރުދަން އިތުރުވާ އިރަށް މީހުން ޚަބަރު ފަތުރަން ފަށާނެ ބަނޑުބޮޑުވީއޭ ކިޔައިގެން"، ބިޕާޝާ ބުންޏެވެ.
ކިތަންމެ ވަރަކަށް ބަނޑުބޮޑޭ ކިޔައިގެން މީޑިއާތަކުގައި ލިޔުނަސް އޭނާ ބަނޑުބޮޑު ނުވާނެ ކަމަށާއި، ދަރިއަކު ހޯދަން ވީމާ އެގޭނީ އެދެމީހުންނަށް ކަމަށް ބިޕާޝާ ވަނީ ބުނެފައެވެ. އެއީ އެހެން މީހުންނާ ބެހޭ ކަމެއް ނޫންކަމަށް ވެސް ބިޕާޝާ ބުނެފައިވެއެވެ.
ބިޕާޝާއާއި ކަރަން މީގެކުރިން ދިން އިންޓަވިއުއެއްގައި ވެސް ވަނީ ދަރިއަކު ހޯދުމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން، ކުއްޖަކު އެޑޮޕްޓު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އޭރު ބުނެފައިވެއެވެ.
"ދަރިންނަކީ އެމީހަކު ބޭނުންވާ އިރަށް ލިބޭ އެއްޗެއް ނޫން. އެއީ އެއަށްވުރެ މާ މަތީ ފަރާތަކުން ދެއްވާ އެއްޗެއް"، ކަރަން އޭރު ބުނެފައިވެއެވެ.
40 އަހަރުގެ ކަރަން ސިންގް ގްރޯވާ އާއި 43 އަހަރުގެ ބިޕާޝާ ކައިވެނި ކުރީ 2016 ވަނަ އަހަރުއެވެ. މިއީ ބިޕާޝާގެ އަލަތު ކައިވެންޏެވެ. ނަމަވެސް ކަރަންގެ 3 ވަނަ ކައިވެންޏެވެ. ކަރަންގެ ކުރީ ދެކައިވެނިންވެސް އޭނާއަށް ދަރިއަކު ލިބިފައެއްނުވެއެވެ.
ބިޕާޝާ އަކީ ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދިފައިވާ ތަރިއެއް ނޫނެވެ. އޭނާ މިހާރު ބޮޑު ސްކްރީންނުން ނުފެންނަތާވެސް ދުވަސްތަކެއް ވެއްޖެއެވެ.
ބިޕާޝާ އެންމެ ފަހުން ފެނިގެން ދިޔައީ 2015 ވަނަ އަހަރުގެ ފިލްްމު "އެލޯން" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ފެނިގެންދިޔައީ ކަރަން އެވެ. އެމީހުންގެ ލޯބީގެ ފެށުމަކީ "އެލޯން"ގެ ސެޓު ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ