ޔޫކުރެއިންގެ ސަރަހައްދުގައި ނޯ ފްލައި ޒޯނެއް ކަނޑައަޅާ ކޮންމެ ގައުމަކީ ހަގުރާމައިގެ ބައިވެރިއެއްކަމުގައި ބަލާނަން: ޕުޓިން

ޔޫކުރެއިންގެ ސަރަހައްދުގައި ނޯ ފްލައި ޒޯނެއް ކަނޑައަޅާ ކޮންމެ ގައުމަކީ ހަގުރާމައިގެ ބައިވެރިއެއްކަމުގައި ބަލާނަން: ޕުޓިން

Author
ހުސެއިން
05 މާރޗް 2022 08:53
0

ޔޫކުރެއިންގެ ސަރަހައްދުގައި ނޯ ފްލައި ޒޯނެއް ކަނޑައަޅާ ކޮންމެ ގައުމަކީ ހަގުރާމައިގެ ބައިވެރިއެއް ކަމުގައި ބަލާނޭ ކަމުގެ އިންޒާރު ރަޝިއާގެ ރައީސް ޕުޓިން ދެއްވައިފިއެވެ.

ޕުޓިން އިންޒާރު ދީފައިވަނީ، ޔޫކުރެއިންގެ ވައިގެ ސަރަހައްދަކީ ނޯފްލައި ޒޯނެއް ކަމުގައި ކަނޑައެޅުމަށް އެދި ޔޫކުރެއިން ސަރުކާރުން ނޭޓޯގެ ކިބައިން އެދެމުން ދަނިކޮށެވެ.

އެހެންމަވެސް، ނޭޓޯއިން ބުނެފައިވަނީ، ޔޫކުރެއިންގެ ސަރަހައްދުގައި ނޯ ފްލައި ޒޯނެއް ކަނޑައެޅުމަށް އެޖަމާއަތުން އަދި ވިސްނަމުން ނުދާކަމުގައެވެ.

"ނޯ ފްލައި ޒޯނެއް ކަނޑައަޅާ ކޮންމެ ގައުމަކީ ހަގުރާމައިގެ ބައިވެރިއެއްގެ ގޮތުގައި އަހަރެމެން ވަގުތުން ކަނޑައަޅާނަން. އެއީ ކޮން އޯގަނިޒޭޝަނެއްގެ މެމްބަރެއްތޯ ނުބަލާނަން،" ރަޝިއާގެ ގައުމީ އެއަރލައިންގެ ކުރޫ މެމްބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވެއެވެ.

ޔޫކުރެއިންގެ ސަރަހައްދަކީ ނޯ ފްލައި ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށް ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ގޮވާލައްވަމުން ގެންދެވިނަމަވެސް، އެމެރިކާއާއި ނޭޓޯއިން ބުނެފައިވަނީ، ނޯ ފްލައި ޒޯނެއް ކަނޑައަޅައިފިނަމަ، މި ހަގުރާމަ މުޅި ޔޫރަޕަށް ފެތުރިގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

ނޭޓޯގެ ގައުމުތަކުންނާއި އެމެރިކާއިން، މީގެކުރިން ނިންމާފައިވަނީ، ޔޫކުރެއިންއަށް ސިފައިން ނުފޮނުވުމަށެވެ. އެހެންނަމަވެސް، އެމެރިކާއާއި ނޭޓޯއިންދަނީ ޔޫކުރެއިންއަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.