ސިދުރަތުގެ ޕޯސްޓްމޯޓަމް: މަރުވީ ގެނބިގެން

ސިދުރަތުގެ ޕޯސްޓްމޯޓަމް: މަރުވީ ގެނބިގެން

އައިޖީއެމްއެޗާ ދިމާލު މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމުން އޭނާ މަރުވީ ގެނބިގެން ކަމަށް ރިޕޯޓުން ދައްކައިފިއެވެ.

ފުލުހުން ބުނީ ސިދުރަތުﷲ މަރުވި ސަބަބު ދެނެގަތުމަށް އިންޑިއާއަށް އޭނާގެ ހަށިގަނޑު ގެންގޮސް ހެދި ޕޯސްޓްމޯޓަމްގެ ޕްލިމިނަރީ ރިޕޯޓްގައި ސިދުރަތުﷲ މަރުވި ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ގެނބިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތްއިރު ލިބުނު ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ކުރެވުނު ބައެއް ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަން އެނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މިހާރުުވެސް ޕޯސްޓްމޯޓަމްއާ ގުޅިގެން ހަދަން ޖެހޭ އިތުރު ތަހުލީލުތައް ރާއްޖޭގައި ކުރިއަށްދާ ކަމަށެވެ.

ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވެންދެން ބާއްވާފައި އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާފެނުނު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިޔައީ މިމަހުގެ2 ވަނަ ދުވަހުއެވެ. ސިދުރަތުﷲގެ ހަށިގަނޑު ވަޅުނުލާ ލަސްވުމުގެ ސަބަބުން އޭނާގެ އާއިލާއިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ. އެހެންކަމުން ސިދުރަތުﷲގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތެއް ވާނަމަ ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *