ރާއްޖެއިން އިތުރު 24 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 18 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 6 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޖެންސީން ވިދާޅުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 24 މީހުންގެ ތެރެއިން 18 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 6 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،986 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 26 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،092 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 40 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 32 ދިވެހިންނާއި، 8 ބިދޭސީންނެވެ.
ހޮސްޕިޓަލުގައި މިވަގުތު 60 މީހަކަށް ފަރުވާ ދެމުންދާއިރު، ރާއްޖެއިން ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 847 އެވެ. އައިސޮލޭޝަންގައި 226 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ