ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ ވެރިން ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ހުށައަޅުއްވައިފިއެވެ.
މިގޮތުން ބަދަލު ގެންނަ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯގެ މެނޭޖިނގް ޑިރެކްޓަރުކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފް އައްޔަންކުރެއްވުން ހިމެނެއެވެ. ސްޓެލްކޯގެ މިހާރުގެ އެމްޑީ ޙަސަން މުޣުނީ ބަދަލުކުރައްވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީއަށެވެ.
މީގެ އިތުރުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ބަދަލުކުރައްވަނީ ޕޯސްޓް އޮފީހަށެވެ. ނަމަވެސް ޕޯސްޓް އޮފީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަފީގް ބަދަލުކުރައްވާތަނެއް ސާފެއް ނުވެއެވެ.
ޕީސީބީ މެދުވެރިކޮށް ކުންފުނިތަކަށް ގެންނަ ބަދަލުތައް ސަރުކާރުންވެސް އަދި ޕީސީބީންވެސް ހާމައެއް ނުކުރައްވައެވެ.
ކުންފުނިތަކުގެ އެމްޑީން ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވިއިރު، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ. މިއާއެކު ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ބައެއް މަޤާމުތަކަށް ބަދަލު ގެންނަވާކަމަށް ވިދާޅުވެ ރައީސް ނަޝިދު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ރައީސް ނަޝީދު ވިދާޅުވީ،ނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށްކަމަށެވެ.
ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތް ހިންގުމުގެ ބޮޑެތި ބާރުތަކެއް ލިބިދީފައެވެ.
ކޮމެންޓު ފޮނުވާ