ރާއްޖޭގެ ވެރިކަމުގައި މިހާރު ތިއްބެވި ބޭފުޅުން، ދުނިޔޭގެ ދަހިވެތިކަމަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ވިއްކާލާފައިވާކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ހަރަކާތުގައި އިއްޔެ ގއ.ވިލިނގިލީގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ، ރާއްޖޭގެ މީސްކޮޅު މަދު ނިކަމެތި ޤައުމެއްގެ ގޮތުގައި އޮތް އިރުވެސް ރާއްޖެ އޮތީ މިނިވަން ޤައުމެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެފައިވާކަމަށް ވިދާޅުވެ ޣައްސާން ވަނީ މިސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ޣައްސާން ވިދާޅުވީ މިހާރު ތިއްބެވި ވެރިން ދުނިޔޭގެ އެދުމާއި ދުނިޔޭގެ ބޭނުމަށް ރާއްޖޭގެ މިނިވންކަމާއި އިސްތިޤްލާލު ވިއްކާލާފައިވާކަމަށާއި، އާންމުން މިއަދު ނިކުމެ މިތިބީ ރާއްޖެ އަނބުރާ ހޯދުމުގެ މަސައްކަތުގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައިކަމަށެވެ.
ޣައްސާން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ފައިބަންޖެހޭނެކަމަށް ތަކުރާރުކުރައްވާފައެވެ.
ޣައްސާން މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވަނީ އަދު ވެރިކަމުގައި ތިބުމަކީ ހިތަށް އެރިގޮތަކަށް ކަންކަން ކުރަން ލިބޭ ޖާގައެއް ނޫންކަމަށެވެ.
މިއަދު ސިފައިންގެ އިސް މަޤާމުތަކުގައިތިބި ކޮމާންޑަރުންނާއި، އިސް އޮފިސަރުން ވިސްނަންވީ ކަމަކީ ސިޔާސީ މީހުން ބޭނުންހާ ގޮތަކަށް ދިވެހި އަސްކަރިއްޔާ ދޫކޮށްލަން ނުޖެހޭ ކަން ކަމުގައެވެ. ދިވެހިންގެ ހިތްތަކުގައި މިނިވަންކަމާއިމެދު އުފެދޭ ސުވާލުތަކަށް ސަރުކާރަށް ޖަވާބުނުދެވޭކަމީ މިކަމާއިމެދު ރައްޔިތުން އިތުރަށް ސުވާލު އުފައްދާނެ ކަންތައްތަކެއްކަމަށް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ