އިދިކޮޅު ޕީޕީއެމް ޕީއެންސީން އިލެކްޝަން ކޮމިޝަނާއި ބައްދަލުކޮށް ހުށަހެޅި ކަންކަމަށް ހައްލު ހޯދައި ދެވޭތޯ މަސައްކަތް ކުރައްވާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ ކެންޕެއިން ކުރުމަށް އިދިކޮޅު ފަރާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ބަޖެޓް ލިބުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ބައްދަލުވުމަށްފަހު އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ބައްދަލުވުމުގައި ހުށަހެޅި ކަންކަމަށް ހައްލު ގެނެވޭތޯ މަސައްކަތް ކުރައްވާނެކަމަށެވެ.
PPM adhi PNC hushaelhi kankamah halleh libeytho EC in masahkai kuraane vaahaka dhannavan https://t.co/4xedWvqNmp
— Ahmed Shareef (@ShareefRangondi) November 8, 2020
އިލެކްޝަން ކޮމިޝަނާއިއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޤާނޫނުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވާ ބަޖެޓް ޕީޕީއެމްއަށް ނުދީ ހިފަހައްޓާފައިވާއިރު، ކެންޕެއިން ކުރުމަށްވެސް ހަމަހަމަ ފުރުސަތު ނުދޭކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި، ވުޒާރާތަކުން ސަރުކާރުގެ އިވެންޓްތައް ބޭއްވުމުގެ ނަމުގައި މިހާރުވެސް ސިޔާސީ މަންފަ ހާސިލް ކުރުމަށް ދަތުރު ކުރަމުންދާކަމަށެވެ. މިދަތުރުތައް ކުރާއިރު އެއްވެސް ހުއްދައެއް ނެގުމެއްނެތި ސަރުކާރަށް ދަތުރުކުރެވޭއިރު އިދިކޮޅު ފަރާތްތަކަށް ކެންޕެއިން ކުރުމުގެ ފުރުސަތެއް ނުދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އިލެކްޝަނުން ޤާނޫނީ އިމުގެ ތެރެއަށް ނުވަދެއްޖެނަމަ ޤާނޫނީ އިމުގެ ތެރެއިން ކޮމިޝަންގެ މެމްބަރުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން މަޖިލިސް ތެރެއިންނާއި އެނޫން ގޮތްގޮތުންވެސް ކުރަންޖެހޭ މަސައްކަތްކޮށް އިލެކްޝަން ޖަވާބުދާރީ ކުރުވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ