މަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.
މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު މެމްބަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފްގެ މި ޤަރަރު ހުށަހަޅުއްވާފައިވަނީ މަސްވެރިން ބާނާ މަސްތައް ނުކިރި މަހަށް ހަމަ އަގު ލިބުމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިޤަރާރުގައި ބުނެފައިވަނީ މަސްވެރިން ބާނާ މަސް ކިރުމަށްޓަކައި ކިޔޫގައި ޖެހިގެން ގިނަ ދުވަސްތަކެއްވަންދެން މަޑުކުރަންޖެހުމާއި، އެކަމާގުޅިގެން ބޭކާރު ގިނަގުނަ ޚަރަދުތަކެއް ހިނގައި، ތަކުލީފުތަކެއް އުފުލަންޖެހުމާއި އަދި ކިރާ މަހަށް ފައިސާ ލިބުން ލަސްވުމާއި ކަޅުބިލަ މަހާއި ކަންނެލީގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައި ވާކަމަށެވެ.
މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި، މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިބެންޖެހުމާއި، އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން، ބޮޑު ޚަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަންޖެހޭކަމަށެވެ.
ކަޅުބިލަ މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލުމުގެ ސަބަބުން ކަޅުބިލަ މަހުގެ އަގު ދަށަށް ދިއުމާއި އަދި އެކަށީގެންވާ އަދަދަކަށް ބޮޑުކަންނެލި ބޭނިއްޖެނަމަ، ބައެއް ފަރާތްތަކުން ކަންނެލި ގަންނަ އަގު ދަށްކުރުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި ޢާއިލާތަކަށް ގެއްލުން ލިބި، ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާތީވެ، އިސްވެ ބަޔާންކުޅަ މައްސަލަތަކަށް ޙައްލު ހޯދައިދިނުމާއި މަސްވެރިން ބާނާ މަސް އަވަހަށް ކިރޭނެގޮތާއި ކިރޭ މަސްކޮޅަށް ވަޤުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި މަސްވެރި ޢާއިލާތަކަށް ދިމާވާ ދަތިތައް ޙައްލުކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް މިޤަރާރުގައި ގޮވާލާފައިވެއެވެ.
މަސްވެރިންގެ ބާނާ މަސް ނުކިރި ރަނގަޅު ޢާންމްދަނީއެއް ނުލިބުމުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ. މިސަރުކާރުން ވެރިކަމަށް އައުމަށް ވަފައިވާ ވައުދުތަކުގެ ތެރޭގައި މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ