އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޭން ޤާނޫނުގައި ކަނޑައަޅާ ފައިސާ ނުދިނުމާއި، ކެންޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުދޭތީ އިދިކޮޅު ޕީޕީއެމް ޕީއެންސީ އިލެކްޝަން ކޮމިޝަނާއި ބައްދަލުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނާއިއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޤާނޫނުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވާ ބަޖެޓް ޕީޕީއެމްއަށް ނުދީ ހިފަހައްޓާފައިވާއިރު، ކެންޕެއިން ކުރުމަށްވެސް ހަމަހަމަ ފުރުސަތު ނުދޭކަމަށެވެ.
ދައުލަތުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާ ޕީޕީއެމްއަށް ނުދީ އަހަރު ނިމިގެން މިދަނީ. ޤާނޫނުން އެބަބުނޭ ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް ވަކި އިންސައްތައެއް ދޭންޖެހޭކަމަށް. މިހާތަނަށް ލިބުނީ ވަރަށް ކުޑަ މިންވަރެއް. މިއީ އިންސާފެއްނޫން.
– އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި، ވުޒާރާތަކުން ސަރުކާރުގެ އިވެންޓްތައް ބޭއްވުމުގެ ނަމުގައި މިހާރުވެސް ސިޔާސީ މަންފަ ހާސިލް ކުރުމަށް ދަތުރު ކުރަމުންދާކަމަށެވެ. މިދަތުރުތައް ކުރާއިރު އެއްވެސް ހުއްދައެއް ނެގުމެއްނެތި ސަރުކާރަށް ދަތުރުކުރެވޭއިރު އިދިކޮޅު ފަރާތްތަކަށް ކެންޕެއިން ކުރުމުގެ ފުރުސަތެއް ނުދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އިލެކްޝަނުން ޤާނޫނީ އިމުގެ ތެރެއަށް ނުވަދެއްޖެނަމަ ޤާނޫނީ އިމުގެ ތެރެއިން ކޮމިޝަންގެ މެމްބަރުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން މަޖިލިސް ތެރެއިންނާއި އެނޫން ގޮތްގޮތުންވެސް ކުރަންޖެހޭ މަސައްކަތްކޮށް އިލެކްޝަން ޖަވާބުދާރީ ކުރުވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ