ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއެއްގައި ސޮއިކުރުމަށް ހަމަޖެހިއްޖެއެވެ.
މި އެގްރިމަންޓުގައި ސޮއިކުރަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރީ ހަރީޝް ޝްރިންގްލާ ރާއްޖެއަށް މިއަދު ކުރައްވާ ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގެ ތެރެއިން ދިވެހި ސިޔާސީ ލީޑަރުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ފޮރިން ސެކްރެޓަރީއަށް ލިބިވަޑައިންނަވާނެއެވެ. އަދި ދިވެހި ފޮރިން މިނިސްޓަރ އާއިއެކު ދެގައުމު ގުޅިގެން ކުރެވޭ ހުރިހާ ބައިލެޓަރަލް މަސައްކަތްތަކަށް ނަޒަރުހިންގަވައިލައްވާ، ކެބިނެޓްގެ އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ.
މިދަތުރުގެ ތެރޭގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިއާއިން ފައިނޭންސް ކުރުމުގެ ބައެއް ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއި އެކު ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) އާއި ގުޅޭ ދެ އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން ހިމެނެއެވެ. ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރާއްޖޭގެ 67 ރަށެއްގައި ގާއިމްކުރެވޭ ކުޑަކުދިންގެ ޕާކްއަށް ބޭނުންވާ އިކުއިޕްމެންޓޤ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިންނަވާ، އަދި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ތަރައްގީ ކުރެވެމުންދާ އެކުވެނި ޓްރެކް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބްރިޖްގެ މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ 500 މިލިއަން ޑޮލަރުގެ މި އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީވެސް ހިމެނެއެވެ. ގްރޭޓަރ މާލެ ބްރިޖް މަޝްރޫޢުއަކީ މާލެ ސަރަޙައްދުގައި އާބާދީ ތޮއްޖެއްސުމަށް ހިންގާ މަޝްރޫޢުއެއް ނޫންކަމަށާއި، އެއީ މާލެ ސަރަހައްދުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މަޝްރޫޢުއެއްކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މާލެއިން ތިލަފުއްޓާ ހަމައަށް ގުޅާލާ މި ބްރިޖްގެ ދިގުމިން 6.7 ކިލޯ މީޓަރަށް އަރާނެކަމަށާއި ބްރިޖްގެ ފަޅިއެއްގައި މަދުވެގެން 2 ލޭން އޮންނާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ސަރުކާރުން ލަފާކޮށްފައިވަނީ ބްރިޖްގެ މަސައްކަތަށް 450 އާއި 600 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ. ސަރުކާރުންވަނީ މިއަހަރުގެ ބަޖެޓުގައިވެސް ބްރިޖް މަޝްރޫޢަށް 411 މިލިއަން ރުފިޔާ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ