ނުރައްކަލުގެ ހާލަތުގައި އޮތް ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެންނަން ފަށައިފި

ނުރައްކަލުގެ ހާލަތުގައި އޮތް ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެންނަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2022 08:10
0

ޔޫކްރެއިނާއި ރަޝިޔާގުޅޭ ސަރަޙައްދީ ބޯޑަރުކައިރީ ތިބި ދިވެހި ކިޔަވާކުދިން ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެ ގެންނަން ފަށައިފިއެވެ.

ޔޫކްރެއިންގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެޤައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ފޮރިން މިނިސްޓްރީއަށް އެނެގެވުމާއި ގުޅިގެން އެ މިނިސްޓްރީން ވަނީ މިހާރު އެ މަސައްކަތް ފަށްޓަވާފައެވެ. ޔޫކްރޭނުގެ މަޞްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޔޫކްރެއިނާއި ރަޝިޔާ ގުޅޭ ސަރަޙައްދީ ބޯޑަރުގެ ކައިރިއަށް ރަޝިޔާ ސިފައިން ބަރުހަތިޔާރާއެކު ޖަމާވެފައިވާއިރު، ކޮންމެ ވަގުތަކުވެސް ހަނގުރާމައެއް ފެށިދާނެކަމަށްވަނީ ބެލެވިފައެވެ. ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރުގެ އޭގެ ތެރެއިން 35 ދަރިވަރުން އުޅެމުންދިޔައީ ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. އެއީ ޔޫކްރެއިންގެ ޚަރްކިވް ސަރަޙައްދެވެ. އެއީ ރަޝިޔާގެ ބޯޑަރާ، އެންމެ ކައިރި ހިސާބެވެ.

އެ 35 ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކު މިހާރު ރާއްޖެއައިސްފައިވާކަމަށާއި، 25 ދަރިވަރުން ރާއްޖެއައުމަށް މިއަދު ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޚަރްކިވް ސަރަޙައްދުގައި މިވަގުތު ތިބީ އެންމެ 5 ދަރިވަރުންކަމަށާއި، އެ 5 ދަރިވަރުން އެ ސިޓީ ދޫކޮށްދިއުމަށް ތައްޔާރުވަމުންދާއިރު، އެ ދަރިވަރުން ރާއްޖެގެނައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެއެވެ.

ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ވަރަށްބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ފޮރިން މިނިސްޓްރީން ޔޫކްރެއިންގައި ތިބި ދަރިވަރުންނާއި މުއާމަލާތްކޮށް، އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީއާއި، އެޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރކުރުމަށްވެސް ފޮރިން މިނިސްޓްރިން މީގެ ކުރިން އެދިފައިވެއެވެ. އަދި ޔޫކްރެއިނުން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އެ މިނިސްޓްރީން މީގެކުރިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.