ދިވެހި ފުލުހުންގެ ހިދުމަތުގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ދާއިރާ ތަރައްގީކުރުމަށްޓަކައި ބޭނުންވާ ތަކެތީ ހަވާލުކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ މިސް ވާން ލީޒީންއެވެ.
މިރަސްމިއްޔާތުގައި މިސް ވާން ލީޒީން ދެއްކެވި ވާހަކަފުޅުގައި މިއަހަރަކީ ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރިގެންދާ އަހަރުކަން ފާހަގަކުރައްވައި ފާއިތުވި އަހަރުތަކުގައި އެކިގޮތްތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އެގޮތުން މި ގުޅުމުގެ ތެރެއިން ލޯއެންފޯސްމަންޓް ދާއިރާ ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މުހިންމު އިސްކަންދޭ ދާއިރާއެއްކަން ފާހަގަކުރައްވައި، މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް ހަވާލުކުރާ ތަކެއްޗާއެކު އައިސީޓީޑީ ދާއިރާގެ ކެޕޭސިޓީ ވަރުގަދަކޮށް، މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ހިއުމަން ރިސޯސަސް އާއި ކެޕޭސިޓީ އަދި ވަސީލަތްތައް ތަރައްގީކުރުމުގައި ޗައިނާގެ އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި 2022 އަދި 2023 ވަނަ އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް އަދި ކޯޕަރޭޓް ޕްރައޯރިޓީތައް ކަނޑައަޅާ ނިމިފައިވާކަމަށާއި މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތަށް މިއަދު ލިބިގެންދާ ތަކެތީގެ ސަބަބުން ފައިދާވެގެންދާނެކަމަށެވެ. އަދި ފުލުހުންގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ޗައިނާއިން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ޗައިނާ ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށްޓަކައި ހަވާލުކުރި ތަކެތީގެ އަގަކީ 1 މިލިއަން ޔުއާންއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އެޑިޝަނަލް ސެކްރެޓަރީ މުޙައްމަދު ފައިސަލް އާއި ޗައިނާ އެމްބަސީގެ އިސް އޮފިސަލުންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ކޮމެންޓު ފޮނުވާ