ވެރިކަމަށް އަންނަން އޮތް މަގަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުން ކަމުގައިވާނަމަ، އެކަމުން ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް ސައުދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަނީ މިވެރިކަން ފެށުނީއްސުރެއް މިއަދާއި ހަމައަށްވެސް މަސައްކަތް ކުރަމުންނެވެ. ރައީސް ނަޝީދު ވަނީ ވެރިކަމަށް އާދެވޭ ޕަސެންޓް 30 ޕަސެންޓަށް ހެދުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްވެސް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާފައެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ސައުދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ލީޑަރުންނަކީ ރައްޔިތުންނަށް ޚިދުމަތްކުރާ ޤައުމަށް ވަފާތެރި ބަޔަކަށް ވާންޖެހޭކަމަށެވެ. ސިޔާސީ ގޮތުން ތިމާއަށް ވެރިކަމަށް އާދެވެން އޮތް މަގަކީ ނިޒާމު ބަދަލުކުރުން ކަމަށްވާނަމަ އެކަމުން ހީނުކުރާ ވަރުގެ ގެއްލުމާއި ކުރިމަތިވާނެކަމަށް ސައުދު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުންގެ އަމަލު ފެންނަނީ ވަރަށް ހަޑިކޮށް. ވެރިކަމަށް އަންނަން ޤާނޫނު ބަދަލު ކުރުމަކީ ދިވެހި ރައްޔިތުންނާއި ދޭތެރޭ އަދި ޤައުމާއި ދޭތެރޭގައި ކުޑަވަރެއްގެ ވިސްނުމެއްވެސް ނެތް ކަމުގެ ހެކި. ކޮންމެ 5 އަހަރުން، އަހަރުން 5 އަހަރަށް ނިޒާމު ބަދަލު ކުރުމަކީ ރާއްޖެ އިތުރަށް ނިކަމެތިވާނެ ކަމެއް. ސައުދު ވިދާޅުވިއެވެ.
ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތައް:
– މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން.
– ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށް ނިންމާ ނިންމުން.
– – ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.
– ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ނިންމުން.
– ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެނޑިޑޭޓަކީ ޖުމްލަ ވޯޓްގެ %30 އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެނޑިޑޭޓެއްނަމަ، އެ ކެނޑިޑޭޓަކީ މޮޅުވި ކެނޑިޑޭޓްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން. (މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެނޑިޑޭޓަކަށް %30ގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެނޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެނޑިޑޭޓް އެއީ މޮޅުވި ކެނޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަނޑައެޅުން.)
ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން ރިޔާސީ އިންތިޚާބުގެ %51 ހޯދައިގެން މެނުވީ އިންތިޚާބެއް ނުވާނެއެވެ. މިހާތަނަށް ވަނީ ދެ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވާފައެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެންނަވަން ރައީސް ނަޝީދު ހުށައެޅުއްވިއިރު އެމަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ތަކުރާރުކޮށް ވަކާލާތުކުރައްވަމުންނެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.
ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.