މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރު ކޮށްފިއެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް ހަދަން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އެކުންފުނީގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ 24ވަނަ ދުވަހުއެވެ.
އައްމަޓީ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މީ އެނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
މިއަދުގެ އަޑު އެހުމުގައި ދައުލަތުން ހުށަހެޅި 42 ދައުވާއަށް އައްމަޓީ ވަނީ އިންކުރު ކޮށްފައެވެ. މި މައްސަލައިގެ ހެކިންގެ ގޮތުގައި، އެ ކުންފުނީގައި ކުރިން މަސައްކަތް ކުރި 9 މުވައްޒަފަކު ހުށަހަޅާފައިވެއެވެ. އައްމަޓީއަކީ ކުންފުނީގެ އެމްޑީ ކަމަށް ވެފައި އެމީހުންނާއި ޚާއްސަ ގުޅުމެއް އޮންނަ މީހެއް ކަމަށް ވުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދައުލަތުން ބުނެފައިވެއެވެ.
މި މައްސަލައިގައި މިއަދު ވަނީ ބަންދު މުރާޖައާ އަޑުއެހުމުގެ ބައިވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އޭނާ އެދިފައިވާއިރު، ދައުލަތުން ވަނީ އޭނާ ބަންދުގައި ހުރި ހުރުން ދަމަހައްޓައިދިނުމަށް އެދިފައެވެ. ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އައްމަޓީ ދޫކޮށްލައިފިނަމަ ފިލައިގެން ދިއުމުގެ ބިރު އެބައޮތް ކަމަށާއި، އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ނިންމި ނިންމުން ބާތިލު ކަމަށެވެ. ހައިކޯޓުން ވަނީ އައްމަޓީ އަލުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެއާއެކު އައްމަޓީ މިހާރު ހުންނަނީ ބަންދުގައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ. އެހެންނަމަވެސް އައްމަޓީގެ ޚިޔާނާތުގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ