ފާދިއްޕޮޅުގައި ހުރި ފަރުތަކާއި ފަޅުތަކުގެ ބޭނުން އެންމެ އެދެވޭގޮތަށް ހިފުމަށް އަތޮޅު ކައުންސިލުން އެދޭގޮތް ރައީސަށް ހިއްސާކުރައްވައިފި

ފާދިއްޕޮޅުގައި ހުރި ފަރުތަކާއި ފަޅުތަކުގެ ބޭނުން އެންމެ އެދެވޭގޮތަށް ހިފުމަށް އަތޮޅު ކައުންސިލުން އެދޭގޮތް ރައީސަށް ހިއްސާކުރައްވައިފި

Author
ޢަލީ އާދަމް
19 ފެބްރުއަރީ 2022 05:20
0

ފާދިއްޕޮޅުގައި ހުރި ފަރުތަކާއި ފަޅުތަކުގެ ބޭނުން އެންމެ އެދެވޭގޮތަށް ބޭނުންކުރުމުގައި އަތޮޅު ކައުންސިލުން އެދޭގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ހިއްސާކުރައްވައިފިއެވެ.

އަތޮޅު ކައުންސިލުން ރައީސާ މިކަން ހިއްސާކުރީ ރައީސުލްޖުމްހޫރިއްޔާ، ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އެކުލެވޭ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މި ކަރުދާހުގައި އަތޮޅުގައި ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއް ޤާއިމުކުރަން އެދޭކަމާއި އަތޮޅު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމާ ޞިއްޙީ ނިޒާމު ހަރުދަނާކުރުމާއި ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުޞަތު އަތޮޅުގެ ރައްޔިތުންނަށް ފަހިކުރުންފަދަ ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅުކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެކަމަށެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރު ކައުންސިލުގެ އައު އިމާރާތަށް ޒިޔާރަތް ކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރުގެ އިތުރުން ނައިފަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުށްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.