ކޯވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާހުރެ ބައެއް މަޝްރޫޢުތައް މަޑުޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިޤްތިސާދީ ޙާލަތު ރަނގަޅުވަމުން އަންނާތީ އެކަންކަން ހުއްޓުމެއްނެތި ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފާދިއްޕޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނައިފަރަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން މިހާރު އަންނަނީ ސަރުކާރުން ރައްޔިތުނަށް ވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތްތައް ކުރަމުންކަމަށެވެ އަދި ސަރުކާރުން ވީ ވަޢުދުތައް ފުއްދަމުން ގެންދަވާނީ އެއްވެސް ރަށެއް ތަފާތުކުރުމެއްނެތިކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށު ކައުންސިލުން ފާހަގަކުރެއްވި ކަންކަންމުގެ ތެރެއިން ގިނަ ކަންކަމަކީ މިހާރު ފެށިގެން ކުރިޔަށްދާ ނުވަތަ ފެށުމުގެ މަގުމަތީގައި ވާކަންތައްތައް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޞިއްޙީ ނިޒާމު ހަރުދަނާކޮށް ސްޕެޝަލިސްޓުން ހޯދުމަށް ކައިރި މުސްތަޤްބަލެއްގައި ޙައްލުތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރެވޭނެކަމަށާއި މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިފަރު ކައުންސިލުން ވަނީ ނައިފަރުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ނައިފަރުގައި 100 ހައުސިންގ ޔުނިޓް ބިނާކުރި ނަމަވެސް އަދިވެސް ބޯހިޔާވަހިކަން ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ޚިދުމަތައް އިތުރުކޮށް ސްޕެޝަލިޓީ ޚިދުމަތްތައް ހުންނަން އެދޭކަމާއި މަގުހެދުމާއި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ނައިފަރު މަދަރުސަތުލް އިފްތިތާޙަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކާއި މަސްވެރިންނަށް އައިސްލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ރަށުގެ އިޤްތިސާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުށްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ