ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލު ރައްކާތެރި ކުރުމަށްވުރެ ބޮޑަށް އެހެން ޤައުމެއްގެ މަސްލަހަތު ރައްކާތެރިކުރަން ސަރުކާރުން މާބޮޑަށް މަސައްކަތް ކުރާތަން މިއަދު ސާފުކޮށް ފެންނަމުންދާ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށް ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިނާއި ގުޅިގެން މާރިޔާ ވަނީ ރޭ ބޭއްވުނު 241 ކޮމެޓީގައި މިކެމްޕެއިނަކީ ނުރައްކާތެރި ކެމްޕެއިނެއް ކަމަށްބުނެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެކަމަނާ ވަނީ ވަރަށް ބޮޑަށް އިންޑިއާ ދިފާއުކުރައްވައި، އިންޑިއާގެ އަސްކަރިއްޔާގެ އެހީތެރިކަމާއި، އިންޑިއާ ސަރުކާރުން ވެދެއްވަމުންދާ އެހީތަކުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ދައްކާފައެވެ.
މާރިޔާގެ ވާހަކަތަކާއި ގުޅިގެން ޒައިދު ވިދާޅުވީ، ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ހަވާޅުވެ ހުންނެވި ވަޒީރުގެ ވާހަތަކުން މިއަދު އެކަނާ އަކީ ކޮން ޤައުމެއްގެ ޑިފެންސް ވަޒީރުކަމާއިމެދުވެސް ސުވާލު އުފެދޭކަމަށެވެ. މާރިޔާގެ ވާހަކަތަކުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށްވުރެ އެހެން ޤައުމެއްގެ މިނިވަންކަން ހިމާޔަތް ކުރައްވަން މަސައްކަތް ކުރައްވާތަން ވަރަށް ސާފުކޮށް ފެންނަމުންދަކަމަށް ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގެ ދިފާޢީ ވަޒީރަކީ އަނެއްކާ އެހެން ޤައުމެއްގެ ދިފާޢީ ވަޒީރެއްތޯ؟ ދައްކަވާ ވާހަކައިން މިހާރު އޮޅޭ ހިސާބަށް ހިނގައްޖެ! ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި މި ފަސްގަނޑުގެ މަސްލަހަތަށް ވުރެއް އެހެން ބައެއްގެ މަސްލަހަތު އިސްކުރާތަން ވަރަށް ސާފުކޮށް އެބަފެނޭ! ވަރަށް ލަދުވެތި.
– އަލީ ޒައިދު ވިދާޅުވިއެވެ.
އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އޮތް ނުރައްކާތެރިކަން ހާމަކުރުމަށް މަޖިލީހުގެ 241 ކޮމެޓީގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއި އޮތް ގުޅުމަކީ ހަމައެކަނި އަސްކަރިއްޔާގެ ތެރެއިން އޮތް ގުޅުމެއް ނޫންކަމަށެވެ. ދިވެހިންގެ އެެންމެ އަސާސީ ކަންކަމުގައިވެސް އެންމެ ބޮޑަށް ބަރޯސާވާންޖެހެނީ އިންޑިއާއަށް ކަމަށްވާއިރު، މިހާރު ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގެއްލުންވާނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރާއްޖެއިން ހަމައެކަނި ވިސްނަންވީ ސެކިއުރިޓީއަށް އެކަނި ނޫންކަމަށެވެ. ރާއްޖޭގެ ރައްޔިތުން ކޯވިޑްގެ ދަތި ދުވަސްތަކުގައިވެސް ބޭސްފަރުވާއަށް އެހީ ހޯދީ އިންޑިއާއިންކަމަށް މާރިޔާ ވިދާޅުވިއެވެ. ކޯވިޑްގެ ލޮކްޑައުންގައިވެސް އިންޑިއާއިން ރާއްޖެއަށް 15،000 މީހުންނަށް ވިސާ ހަމަޖައްސައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސިކަމަށެވެ. އަދި އެކި ބަލިތަކުގައި ދިވެހި އެތައް އާއިލާއެއް އިންޑިއާއިން ފަރުވާ ހޯދާފައިވާކަމަށެވެ.
ކުރީގެ ރައީސް ޔާމީނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަށްވުމުން ރައީސް ޔާމީނަށް ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް ވަޑައިގެން ބޭސް ކުރެވިދާނެކަމަށާއި، ނަމަވެސް އާންމު ރައްޔިތު މީހާ ދާންޖެހެނީ ހަމަ އިންޑިއާއަށްކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ ރައްޔިތަކުވެސް މިހަރަކާތާއިމެދު ވިސްނާލަން ޖެހޭކަމަށް މާރިޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ