އދ.ދަނގެތީގައި ރަޙުމް ކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރު މަރާލިކަމަށް، ބަންގްލަދޭޝްގެ، ޝާ އަލޮމް މިއާ (ސާލިމް) ކިބައިން ބޭނުމީ މަރަށް މަރު ހިފަން ކަމަށް އޭނާގެ ހުރިހާ ވާރިސުން ބުނެފިއެވެ.
މަޙްމޫދުގެ މަރާއި ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 29 އަހަރުގެ ޝާ ޢާލޮމް މިއާގެ މައްޗަށް ދެ ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާ ވަނީ މިދެ ދައުވާއަށްވެސް އައުތިރާފްވެފައެވެ. އަދި އަދަބު ލުއިކޮށްދޭން އެއްބަސްވުމެއް ހަދަން އެދުނެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލިހުގައި ގާޒީ ވަނީ ދުނިޔޭގައި ތިބި މަހުމޫދުގެ ހަތް ވާރިސުންނާ ސުވާލުކޮށްފައެވެ. އެއީ މަންމަ އާއި އަނބިމީހާ އަދި ފަސް ދަރިންގެއެވެ. ވާރިސުންގެ ބަސް ހޯދުމަށް މިއަދު އޮތް އަޑުއެހުމުގައި މަހުމޫދުގެ ވާރިސުންގެ ގޮތުގައި ތިބި ހަތް މީހުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.
ދަނގެތީގައި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މަހްމޫދު މަރާލުމަށްފަހު އެރަށު ފަޅުގޯއްޗެއްގެ ވަޅަކަށް އެއްލައިލާފައި އޮއްވާ ފެނުނު މައްސަލައިގައި ސާލިމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.
ވާރިސުން އެގޮތަށް ބުނުމާ ގުޅިގެން ދެން އޮންނާނީ ސާލިމްގެ މައްޗަށް އަދަބު ކަނޑައެޅުމެވެ. އަދަބު ކަނޑައެޅުމަށްޓަކައި މި މަހުގެ 24 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.
މަޙުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކުން އޭނާ ފެނުނުއިރު، ތޫނު އެއްޗަކުން ހަމާލާދީ ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ. އަދި ޝާ ޢާލޮމް އުޅޭ ގޭގެތެތެރޭގައި މަޙުމޫދަށް ހަމާލާދިނުމަށްފަހު 5 ގަޑިއިރުވަންދެން އެގޭގެތެރޭގައި މަޙުމޫދުގެ ހަށިގަނޑު ބޭއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހުރިހާކަމެއް އޭނާކޮށްފައިވަނީ އިތުރު މީހެއްގެ ބައިވެރިވުން ނެތިކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މަޙުމޫދަށް ހަމަލާދިނުމުގެ ކުރިން ވައްކަމުގެ މައްސަލައެއްގައި މި ބަންގްލަދޭޝް މީހާގެ ބައިވެރިވުން އޮތްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.