ބޭހަށްދިޔަ، ދިވެހި އަންހެނަކު ޑްރަގު މައްސަލައެއްގައި އިންޑިއާއިން ހައްޔަރުކޮށްފި

ބޭހަށްދިޔަ، ދިވެހި އަންހެނަކު ޑްރަގު މައްސަލައެއްގައި އިންޑިއާއިން ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2022 01:18
0

މިދިޔަ އަހަރު އިންޑިއާ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުން މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅުންހުރި ދިވެހި އަންހެނަކު އިންޑިއާއިން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ކޮޗީ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ބ. އޭދަފުށީ، އާމިނަތު ރަޝީދާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ އުމުރުން 58 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މުމްބާއީ މަގުން ރާއްޖެއަށް ހަތަރު ކިލޯގެ އޮޕިއަމް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައިކަމަށެވެ.

އިންޑިއާގެ ރިޕޯޓްތަކުގައި ބުނާގޮތުން ދިވެހި އެ އަންހެން މީހާއަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު 3.9 ކިލޯގެ އޮޕިއަމް އެތެރެކުރަން އުޅުނު މައްސަލައެއްގައި އިންޑިއާ ފުލުހުންގެ ސަމާލުކަމަށް އައި މީހެއް ކަމަށެވެ. އެގޮތުން އެމްއައިޑީސީ ޕޯސްޓް އޮފީހަށް ގެނެސްފައިވާ މަސްތުވާތަކެތި ހުރި ޕާރުސަލް އެޑްރެސްކޮށްފައިވަނީ ހައްޔަރުކުރި އަންހެން މީހާއަށް ކަމަށެވެ.

މި ތަކެތި އިންޑިއާ އިން ފޮނުވި ކަމަށް ލިޔެކިޔުންތަކުން ފެންނަނީ ކެރެލާގައި އުޅޭ އަރީފް ކިޔާ މީހަކާއި އަލީ މީހެކެވެ. އެކަމަކު އެ މީހުން ތަހުގީގުގައި ބުނެފައި ވަނީ އެ މީހުންގެ ނަމާއި އެޑްރެސް ބޭނުންކޮށްފައި ވަނީ ސައްހަ ނޫން މައުލޫމާތު ބޭނުންކޮށްގެން އެހެން ބަޔަކު ކަމަށާއި މަސްތުވާތަކެއްޗާ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެންސީބީން ބުނެފައި ވަނީ އަރީފާއި އަލީއާ މި މައްސަލާގައި ސުވާލުކުރުމަށް ފަހު، އެ މީހުންނާ ގުޅުމެއް ނެތް ކަމަށް ބެލެވޭތީ ދޫކޮށްލާފައިވާ ކަމަށެވެ.

އާމިނަތު ރަޝީދާ ހައްޔަރުކޮށް މިހާރު ވަނީ އިންޑިއާގެ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކޮށް ބަންދަށް ތިން ދުވަސް އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.