ޖަޒީރާ ވަންތަކަން ދެމެހެއްޓުމަށް، ހުރިހާ ރަށެއްގައި ތާރު އެޅުން ބުއްދިވެރިއެއްނޫން: އަސްލަމް

ޖަޒީރާ ވަންތަކަން ދެމެހެއްޓުމަށް، ހުރިހާ ރަށެއްގައި ތާރު އެޅުން ބުއްދިވެރިއެއްނޫން: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2022 11:12
0

ހުރިހާ ރަށެއްގައި ތާރު އެޅުން އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގއ. ކޮލަމާފުށީގެ މަގު ހެދުމުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެން އަސްލަމް ވިދާޅުވީ، ރަށްރަށުގައި ބަނދަރު ހެދުމަށް ޑިމާންޑް އޮތް ގޮތުން މިހާރު އެންމެ ބޮޑު ޓްރެންޑަކީ މަގުތަކުގައި ތާރު އެޅުން ކަމަށާއި ވަރަށް ގިނަ ރަށްރަށުން އެ ކަމަށް ސަރުކާރުގައި އެދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން ނަމަ ތާރު އެޅުމަށް މިހާރު ވެސް 22 ރަށެއްގައި ކޮންޓްރެކްޓް ވަނީ ހަަދައިފައެވެ. އިތުރު 19 ރަށެއްގައި އެ މަސައްކަތް ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ބަނދަރުތައް ހެދި ގޮތަށް މަގުތަކުގައި ތާރު އެޅުން ޓްރެންޑް ވަމުން އަންނަކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ދެކެނީ ހުރިހާ ރަށެއްގައި ތާރު އެޅުމަށް ދާން ވިސްނުން އެއީ އެންމެ ބުއްދި ވެރި ގޮތެއް ނޫން. މި ގައުމު ޖަޒީރާ ގައުމެއް ގޮތުގައި އުޅޭއިރު ޖަޒީރާވަންތަ ކަމެއް ވެސް އަޅުގަނޑުމެންގެ ރަށްރަށުގައި، އެ ސިފަތައް ވެސް ހުންނަން ޖެހޭ.

– މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ހުރިހާ ރަށެއްގެ މަގުތަކުގައި ތާރު އެޅުމެއް ނޫން ކަމަށާއި، ޓްރެފިކް ބޮޑު ރަށްރަށުގައި ތާރު އެޅައިގެން މަގު ހެދުން ކަމުގައެވެ.

މަގުތައް ހެދުން ބިނާވެފައި އޮންނަނީ މަގުތައް ބޭނުން ކުރެވޭ ގޮތަށް ކަމަށާއި، އެފަދަ ރަށްރަށަށް އެރުވޭނެ ވެހިކަލްތައްވެސް ކަނޑައެޅެން ޖެހޭ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ތާރު ނާޅާ މަގުތައް ހެދިދާނެ ގޮތެއްވެސް އެބައޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކުދި ރަަށްރަށުގައި ލައިމް ބޭސްޑް ސްޓެބިލައިޒް ރޯޑް މެތަޑް ބޭނުން ކުރެވިދާނެ ކަމަށާއި، މި ގޮތަށް ހެދުމުން ވެހޭ ފެން ރަށުގެ ފަސްގަނޑަށް ހިނދިގެންދާނެ ކަމަށެވެ. ތާރު އެޅުމުން ވެހޭ ހުރިހާ ފެނެށް ރަށުން ބޭރު ކޮށްލާނެ ކަމަށާއި، އޭގެ އަސަރު އެރަށުގެ ފެން ފަށަލައަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ބައެއް ރަށްރަށަކީ އެ ރަށުގެ އެއްކޮޅުގައި ހުރެ ބާރަށް ގޮވައިލުމުން އަނެއްކޮޅުގައި ހުންނަ މީހާ އަށް އަޑު އިވޭހާ ކުޑަ ރަށްތަކެއް ކަމަށް ވިޔަސް އެ ރަށްރަށުން ވެސް ތާރު އެޅުމަށް ޑިމާންޑް ކުރާކަމަށެވެ. ނަމަވެސް ޖަޒީރާ ވަންތަކަން ދަމަހައްޓައި ރަށްރަށުގެ ގުދުރަތީ ރީތިކަމަށްޓަކައި، ތާރުއެޅުމަކީ ހައްލެއް ނޫންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.