ދެކިޑްނީ ފެއިލްވެ، ކިޑްނީއެއް ހޯދުމުގައި ގިނަ ގޮންޖެހުންތަކާއި، ހުރަސްތަކެއް ކުރިމަތި ކުރުމަށްފަހު، މިހާރު ކިޑްނީ ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަށް ނައިބް ރައީސް ހިތްވަރު ދެއްވައިފިއެވެ.
މިމަހުގެ ފަހުކޮޅު ކޮޑްނީ ޓްރާސްޕްލާންޓަށް ފުރުމުގެ ކުރިން ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ސާއިދުއާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ހާމަ ނުކުރި ނަމަވެސް ސާއިދު ބުނެފައިވަނީ ކިޑްނީ ބަލީގައި އޭނާ ތަހައްމަލް ކުރަމުންދާ ދުވަސްތަކުގެ ތެރެއިން މިއަދަކީ ވަރަށް އުފާވެރި ދުވަހެއްކަމަށެވެ. ދިވެހި ރާއްޖޭގެ ނައިބް ރައީސް އޭނާއާއި ބައްދަލުކޮށް، ދެއްވި ހިތްވަރާއި، ފާޅު ކުރެއްވި ހެޔޮ ބަސްފުޅުތަކަކީ މިކަމުގައި ކުރިއަށްދާން ލިބުނު ހިތްވަރެއްކަމަށެވެ.
މި ދަތުރުގައި ބައްދަލުވި އެންމެ ހާއްސަ ބޭފުޅަކީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު. އަޅުގަނޑު ބަލިން ސަލާމަތް ވުމަށް ކުރަމުންދާ މަސައްކަތަށް ދެއްވި ހިއްވަރާއި ފާޅު ކުރެއްވި ހެޔޮ ބަސްފުޅުތަކަށްޓަކައި ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން.
– ސާއިދު ބުނެފައިވެއެވެ.
ދެ ކިޑްނީ ފެއިލްވެ މެދުކެނޑުމެއްނެތި ޑައިލެސިސް ހަދަމުންގެންދާތާ ދެ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ސާއިދު ބައްޔާ ހަނގުރާމަކުރުމަށް ދައްކަމުންގެންދާ ހިތްވަރަކީ ހަމަ ލާމަސީލު މިސާލެކެވެ. ކިޑްނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ބުނާގޮތުގައި ކިޑްނީގެ ބަލިތަށް ޖެހޭ މީހުނަށް ފަރުވާކުރުމާއި އެމީހުން އަނބުރާ ދުޅަހެޔޮ ސިއްހަތަކަށް ގެނައުމަށް ދިމާވާ އެންމެބޮޑު ދައްޗަކީވެސް ބަލި ހުރިކަން އެނގުމާއެކު އަމިއްލަ ނަފްސަށް އުންމީދު ކަނޑާލުމެވެ. ނަމަވެސް ޑޮކްޓަރުންގެ ބަހަކީ ވެސް ހިތްވަރާއިއެކު އެހެންމީހުންގެ އެއްބާރުލުން ލިބިގެން މިބައްޔަކީވެސް އިންސާނާއަށް އަރައިގަނެވޭނެ ބައްޔެއްކަމެވެ.
ސާއިދަކީ މިހާރުވެސް ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ މުހިންމު ސްޓާފެކެވެ. ކޯވިޑާއި ގުޅިގެން ސާއިދު މަސައްކަތް ކުރަން ޖެހެނީ ގޭގައެވެ. ގޭގައި ހުރެގެންވެސް ސާއިދު ޚަބަރު ހެދުމުގެ މަސައްކަތް ކުރެއެވެ. އޭނާއާއި އެކު އޮފީހުގައި މަސައްކަތްކުރާ މުވައްޒިފަކު ކަމުގައިވާ ޕީއެސްއެމްގެ އެޑިޓަރު އަހުމަދު ޖަދުވާން ބުނީ ސާއިދަކީ މަސައްކަތުގައިވެސް އޮފީހުގައި ތިބޭ އެހެން މުވައްޒިފުންނެކޭ އެއްގޮތަށް އެއްވެސް އުޒުރެއް ބަހަނާއެއްނެތި މަސައްކަތް ކުރާ މުވައްޒިފެއްކަމަށެވެ.
ނަމަވެސް މިހާރު ހާލަތު ހުރި ގޮތުންނާއި، ކޮންމެ ދެ ދުވަހަކުން އެއްދުވަހު ޑައިލެސިސް ހަދަން ޖެހުމުން ސާއިދަށް އޮފީހަށް 100 ޕަސެންޓް ނުދެވުނު ނަމަވެސް އޮފީހަށް އޭނާގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭކަމަށެވެ.
ދުނިޔޭގައި ކޮންމެ ސަތޭކައަކުން 16 މީހަކީ ކިޑްނީ ބަލީގެ މީހެކެވެ. ކިޑްނީ ބައްޔަކީ ކިޑްނީގެ މަސައްކަތަށް ނުވަތަ ކިޑްނީގެ އުފެދުމަށް ޞިއްޙީ ގޮތުން އެއްވެސް މައްސަލައެއް ކުރިމަތިވެ ކިޑްނީގެ މަސައްކަތްތަށް ފުރިހަމަގޮތުގައި އަދާނުކުރެވުމެވެ. އެގޮތުން ކިޑްނީގައި ހިލަ އުފެދުމާއި، ކިޑްނީގައި ސިސްޓް އުފެއްދުމާއި ކިޑްނީން ޕްރޮޓީން ބޭރުވުން ހިމެނެއެވެ.
ކިޑްނީބަލިތަކުގެ ސަބަބުން ފެއިލްވެފައިވާ މީހެއްގެ ދާއިމީ ފަރުވާއަކީ ކިޑްނީ ޓްރާންސްޕްލާންޓެވެ. އެފަދަ ހާލަތެއްގައި ކިޑްނީ ހަދިޔާކުރުމަކީ ކިޑްނީ ހަދިޔާކުރެވޭފަދަ ސަލާމަތް ސިއްޙަތެއްގައި ހުރި ކޮންމެ މީހަކަށްވެސް ކުރެވޭ ވަރަށްބޮޑު ހެޔޮކަމަށްވާނެއެވެ.
އަޅުގަނޑުމެންފަދަ ބަލިމީހަކަށް ކިޑްނީއެއް ހަދިޔާކޮށްގެން އަޅުގަނޑުމެންގެ ފުރާނަ ސަލާމަތްކުރުން. މިފަދަ ދީލަތި އެހީތެރިކަން ވެދީފައިވާ މީހުންނަށް އިހްސާސްކުރެވޭނެ، އިންސާނަކަށް މިވަރުގެ އެހީއެއް ވުމުން ތިމާގެ އަމިއްލަ ނަފްސާއި ހިތަށް ލިބޭނެ އުފާވެރިކަން.
– ސާއިދު
ކޮންމެ މީހަކީވސް މާދަމާ ކޮންމެ ޙާލެއްވެސް މެދުވެރިވެދާނެ މީހެކެވެ. ނަމަވެސް އަނެކާއަށްޓަކައި މިއަދު ކުރި ހެޔޮކަމެއް ދުވަހަކުވެސް ގެއްލިގެންނެއް ނުދާނެއެވެ. އަމިއްލަ މީހާ ދިރިއުޅޭއިރު އެހެންމީހުންވެސް ދިރިއުޅުނަ ދޭށެވެ.