ސަރުކާރުގެ ޕޮލިސީތައް ކަނޑައެޅުމުގައި، އެވިޑެންސް ބޭސްޑް ޕޮލިސީމޭކިންއަށް ރިޢާޔަތްކުރުމަށާއި، އ.ދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމުގައި ޔޫއެންޑީޕީއާއިއެކު ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ފައްޔާޞު އިސްމާއިލްއެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާއެވެ.
މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އާއި މިނިސްޓްރީއާ ދެމެދު ފާއިތުވި އަހަރުތަކުގައި ދެމެހެއްޓިފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ޔޫއެންޑީޕީއިން 2022 އިން 2026 އާ ހަމަޔަށް ހިންގުމަށް އެކުލަވާލާފައިވާ ދިވެހި ރާއްޖޭގެ އައު ކަންޓްރީ ޕްރޮގްރާމް ޑޮކިއުމަންޓް ތަރައްޤީކޮށް، މި ޕްރޮގްރާމްތައް އިތުރު ހަލުވި މިނެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވެގެން ދާނެއެވެ.
Reaffirming the long standing partnership between @MoEDmv & @UNDPMaldives, an MoU was signed today to provide technical assistance for strengthening evidence-based policy making, improving support to women entrepreneurship & enhancing investments in #SDGs in the Maldives. pic.twitter.com/qmYDnmC8Hx
— Economy & Trade (@MoEDmv) February 15, 2022
މި އެމްއޯޔޫގެ ދަށުން މައިގަނޑު 4 ދާއިރާ އަކުން އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވެއެވެ. އެއީ ޑޭޓާ މެނޭޖްކުރުމާއި ދިރާސާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމާއި ސަރުކާރަށް ފަންނީ ލަފާ ދިނުމުގައި ބޭނުންވާ ޑޭޓާ މެނޭޖްމަންޓް ގަވަނަންސް ހަރުދާނާކުރުމަށް އެހީތެރިވެދިނުމެވެ.
އަދި އ.ދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގައި ތަންފީޒުކުރުމުގެ ތެރެއިން، ކްލައިމެޓް އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުން އަދި މިކަމާގުޅޭ އިންވެސްޓްމަންޓް މެޕެއް އެކުލަވާލުމާއި، ރާއްޖޭގެ އިޤްތިޞާދަކީ، ކަނޑުގެ މުއްސަނދިކަމަށް ބަރޯސާވާ ދެމެހެއްޓެނިވި ނޫ އިޤްތިޞާދަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މީގެތެރޭޣައި ހިމެނެއެވެ.