ޓެކަރސް މައިލޯ މޯލްޑިވްސް ކަޕްގެ ޒޯން 1 ކުޅުދުއްފުށިން ކާމިޔާބުކޮށްފި

ޓެކަރސް މައިލޯ މޯލްޑިވްސް ކަޕްގެ ޒޯން 1 ކުޅުދުއްފުށިން ކާމިޔާބުކޮށްފި

Author
ޢަލީ އާދަމް
15 ފެބްރުއަރީ 2022 01:34
0

ޓެކަރސް މައިލޯ މޯލްޑިވްސް ކަޕްގެ ޒޯން 1 ކުޅުދުއްފުށިން ކާމިޔާބުކޮށްފިއެވެ.

ނ. މާފަރު ބަލިކޮށް، ހދ. ކުޅުދުއްފުށިން ޓެކަރސް  މައިލޯ މޯލްޑިވްސް ކަޕްގެ ޒޯން 1 ކާމިޔާބުކުރީ، ފުރިހަމަ ވަގުތުގައި 1-1 އިން ދެޓީމް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2ގެ ނަތީޖާއަކުންނެވެ.

މާފަރުގައި ކުޅުނު މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ޓީމުގެ ގޯލްކީޕަރު މާހީ އަބްދުﷲ (20) އެވެ.

ދެޓީމުންވެސް މޮޅު ކުޅުމެއް ދެއްކި މި މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހާފައިވަނީ މާފަރު ޓީމުގެ ކެޕްޓަން  އައްޒާާމެވެ. މާފަރު ލީޑުގައި ކުޅެމުން ދަނިކޮށް  ކުުޅުދުއްފުށީ ޓީމަށް ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފުގައި އެޓީމުގެ އަންވަރެވެ.

އިތުރު ގޯލެއް ކާމިޔާބް ކުރާނެ ފުރުސަތުތަކެއް ދެޓީމަށްވެސް ލިބުނު ނަމަވެސް މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުން މޮޅުވެ،  ކުޅުއްފުށިން ވަނީ މުބާރާތުގެ  ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ކުޅުދުއްފުށިން ދެން  މެޗެއް ކުޅޭނީ، ޒޯން 2ގެ މެޗުތައް ކާމިޔާބުކޮށް އެ ޒޯނުން  ސެމީ ފައިނަލަށް ދަތުރުކުރާ ޓީމާއެވެ. މި މެޗު  ކުޅެން ހަމަޖެހިފައިވަނީ ކ. ގާފަރުގައެވެ.

ޓެކަރސް މޯލްޑިވްސްއިން ކުރިއަށް ގެންދާ ފުޓްސެލް މުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭނެހެން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައިހެން ކުޅެން ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގެ މަގްސަދަކީ މޮޅެތި ކުޅުންތެރިންނަށް އެމީހުންގެ ހުނަރު އިތުރަށް  ތަރައްގީކޮށް، ކުޅިވަރުގެ މައިދާނުގައި ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދިނުން ކަމަށް ޓެކަރސް އިން ބުނެއެވެ.

ޓެކަރސް މައިލޯ ކަޕްގެ ޗެންޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، މުބާރާތުގެ  ރަނަރަޕް ޓީމަށް 25000ގެ ފައިސާގެ އިނާމެއް ދޭން ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.