"ރަށް ފެހި" ޕްރޮގްރާމުގެ ދަށުން މިއަހަރު 6000 ގަސް އިންދުމަކީ އަމާޒެއް: ސްޓެލްކޯ

"ރަށް ފެހި" ޕްރޮގްރާމުގެ ދަށުން މިއަހަރު 6000 ގަސް އިންދުމަކީ އަމާޒެއް: ސްޓެލްކޯ

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2022 08:33
0

"ރަށް ފެހި" ޕްރޮގްރާމުގެ ދަށުން މިއަހަރު 6000 ގަސް އިންދުމަކީ އަމާޒެއްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ ގަސްއިންދުމުގެ ޙަރަކާތަކީ މުޅި ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ "ރަށްފެހި" ޕްރޮގްރާމާއި ގުޅުވައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއަހަރު ސްޓެލްކޯ ރަށްފެހި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގޭގައެވެ.

މި އަހަރުގެ ރަށްފެހި ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޗެއަރ އަހްމަދު ސަލީމްއެވެ. މި ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން މެމްބަރު އަހުމަދު ސަލީމާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވަނީ އެ ސަރަހައްދުގައި ދިވެހި ރުށް އިންދާފައެވެ.

މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ޙަރަކާތް "ރަށް ފެހި" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިފްތިތާޙުކޮށްދެއްވާފައިވަނީ 15 ޑިސެމްބަރު 2018 ގައެވެ. މިއީ ތިމާވެއްޓާ ރަށްޓެހި އާދަތަކަށް ޢާއްމުން ހޭލުންތެރިކުރުވުމަށާއި، ތަރައްޤީއާއެކު ގެއްލެމުންދާ ރާއްޖޭގެ ފެހިކަން އަލުން ދިރުވައި އާލާކުރުމާއި، ރާއްޖޭގެ ރަށްތަށް ފެހިކުރުމުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ފެއްޓެވި ޚާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން 2019 ވަނަ އަަހަރު 2000 ގަސް، އަދި 2020 ވަނަ އަހަރު 3000 ގަސް އެކުންފުނީގެ މުވައްޒަފުން އިންދާފައިވެއެވެ. އަދި 2021 ވަނަ އަހަރު 5000 ގަސް، އަދި މިއަހަރުގެ އަމާޒަކީ 6،000 ގަސް އިންދުންކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.