ދިވެހިރާއްޖެ ބަލައިގެންފައިވާ ރިޔާސީ ނިޒާމުގެ އެންމެ މުހިންމު އެއް ސިފައަކީ އެ ނިޒާމަކީ ޖަވާބުދާރީ ކުރުވަނިވި އުސޫލުން ހިންގޭ ޑިމޮކްރަޓިކް ނިޒާމަކަށް ވެގެން ދިއުމެވެ. އޭގެ މާނައަކީ، މި ނިޒާމުގައި އެތެރެއާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވޭނޭ އުސޫތައް ގާއިމް ވެފައި ހުރުމެވެ.
މިގޮތުން ދައުލަތުގެ ތެރެއިން އޭރަކުން އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުމަށް ދައުލަތުގެ މިނިވަން މުވައްސާތައް ގާއިމް ކުރެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް ގައުމުގެ ސިޔާސީ މަސްރަހުގައި އެވަގުތަކު ތިބޭ ބައެއްގެ ތެދުވެރިކަމާއި އިޚްލާސްތެރި ކަމުގެ އިތުރުން، އޭރަކު އޮންނަ ސަރުކާރެއްގެ އިޚްލާސްތެރިކަމާއި ޚުދުމުޚްތާރުކަމުގެ މަޗަށް މި މިނިވަން މުވައްސަސާތަކަށް ހަރަކާތްތެރި ވުމާއި ނުވުމުގެ ފުރުސަތު ބިނާވެފައި އޮތެއްކަމަކު، ދިވެހިރާއްޖެ ބަލައިގެންފައި އޮތް ވެރިކަން ހިންގުމުގެ އޮނިގަޑުގެ ތެރޭގައި މިނިޒާމު ރަގަޅަށް އެކަށައެޅިފައި އޮތް ކަމުގައި ދަންނަވަން ޖެހެއެވެ.
ހަަމައެއާއު، ވެރިކަމާއި ދައުލަތް ޒިންމާދާރު ކުރުވާ، ސަރުކާރުގެ ބޭރުން، ސިޔާސީ ފަރާތްތަކާއި ވެރީން ޒިންމާދާރު ކުރުވުމުގެ ފުރުސަތު އެންމެ ބޮޑަށް އޮންނަނީ އޭރަކު އޮންނަ އިދިކޮޅު ފަރާތްތަކުގެ އަތްމަތީގައެވެ. މިގޮތުން ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ހިންގާ މަޝްރޫއުތަކާއި، ކުރަމުންދާ ޚަރަދުތަކުގެ އެފުށްމިފުށް އާންމު ރައްޔިތުންނާއި ހަމައަށް ތިލަކޮށްދީ، ސަރުކާރު ޒިންމާދާރު ކުރުވުމުގައި އިދިކޮޅުން އަދާކުރަންޖެހޭ ދައުރު ވަރަށްވެސް މުހިންމުވެފައި އެހާމެ ބޮޑުވެސްމެއެވެ.
އަދި 2008ވަނަ އަހަރަށްފަހު، ފާއިތުވެދިޔަ ތަނުގައި އައިސްފައި ހުރިހާ ސަރުކާރެއްގައިވެސް މިމަންޒަރުތައް ވަނީ ވަރަށްވެސް ފުރިހަމަ މިއުސޫލުން ތަމްސީލުވެގެން ގޮސްފައެވެ. އެންމެ ފުރަތަމަ ރައީސް ނަޝީދުގެ ވެރިކަމުގައި، ކަރަންޑުގެ އަގު ބޮޑުވުމާއި، ޑޮލަރުގެ އަގު އުފުލުން ފަދަ، އިގްތިސާދީގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން، އޭރުގެ ސަރުކާރާއި ދެކޮޅަށް މާލޭގެ މަގުތަކުގައި ބޮޑެތި މުޒާހިރާތައް ކޮށްފައި ވެއެވެ. އެއަށްފަހު އައި ރައީސް ވަހިދުގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު އެމްޑީޕީން ހިންގި ސިޔާސީ ހަރަކާތްތަކާއި، އަދި އެއަށްފަހު އައި ރައީސް ޔާމިންގެ ވެރިކަމުގައި، އެ ސަރުކާރުގެ ތެރޭގައި ހިގަމުންދިޔަ ކޮރަޕްޝަންގެ އަމަލްތަކާ ދެކޮޅަށް އޭރުގެ އިދިކޮޅު ކޯލިޝަންއިން ކުރިޔަށް ގެންގޮސްފައިވާ ސިޔާސީ ހަރަކާތްތައް މިގޮތުން ފާހަގަ ކޮށްލަން ޖެހެއެވެ.
އެއަށްފަހު އައީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމެވެ. ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި އިދިކޮޅު ޕާޓީގެ ދައުރު އަދާކުރަން ޖެހިފައިވަނީ އިދިކޮޅު ޕީޕީއެމްއަށެވެ. އިދިކޮޅު ކޯލިޝަނެއް ނެތެވެ. އަދި އެޕާޓީން ހިންގަމުންދާ ހަމައެކަނި އިދިކޮޅު ހަރަކާތެއްގެ ގޮތުގައި ފެންނާން އޮތީ އިންޑިއާ އައުޓު ހަރަކާތުގެ ގޮތުގައި ބާއްވާ އެއްވުންތަކާއި ކުރަމުންދާ ދަތުރުތަކެވެ.
ސަމާލުކަން އިންޑިއާ އައުޓު ހަރަކާތައް އެކަނި!
އިދިކޮޅު ޕީޕީއެމްއިން އިންޑިއާ އައުޓު ހަރަކާތުގެ ގޮތުގައި މާލޭގެ މަގުތަކުގައާއި ރާއްޖޭގެ ބައެއް ރަށްތަކުގައި އެއްވުންތައް ބާއްވަމުންދާތާ ދެ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައީއެވެ. އަދި ކުރީގެ ރައީސް ޔާމިން ޖަލުން މިނިވަން ވުމާއި ހަމައިން މި ހަރަކާތް އިތުރު ގިޔަރެއް ކުރިޔަށް ޖައްސާ، އިތުރު ރަށްތަކަށް މި ހަރަކާތް ފުޅާކޮށް، ހަރަކާތާ ގުޅެންފަށާފައިވާ މީހުންގެ އަދަދުވެސް އެތައް ގުނައަކުން އިތުރު ވެގެން ގޮސްފައިވާކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން ޕީޕީއެމްއިން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުގެ ތެރެއިން އެ ޕާޓީން ޑިމާންޑު ކުރަމުންދަނީ އިންޑިއާ ސަރުކާރާއެކީ މިސަރުކާރުން ވެފައިވާ ދިފާއީ އެއްބަސްވުންތައް ހާމަ ކުރުމަށެވެ. އަދި ގޮވަމުން ދަނީ މި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، ޕީޕީއެމްގެ އިދިކޮޅު މިހަރަކާތް ކުރިޔަށް ގެންދާތާ 2 އަހަރެއްހާ ދުވަސް ފާއިތުވެގެން ދާއިރުވެސް، ޕީޕީއެމްއިން ޑިމާންޑު ކުރަމުންދާ އެއްބަސްވުނަތައް ސަރުކާރުން ހާމަ ކޮށްފައި ނުވާކަމެވެ. އަދި އޭގެ އިތުރުން އިންޑިއާ ސަރުކާރާއެކީ މި ސަރުކާރުން ބާއްވަމުންދާ ގުޅުންތަކާއި އަދި ރައްޖޭގައި ބިތި އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ފަރާތްތައްވެސް ގައުމު ދޫކޮށް ގޮސްފައި ނުވާކަމެވެ.
އެހެންކަމުން، އިދިކޮޅު ޕީޕީއެމްއިން ސިޔާސީ އެއް ހަރަކާތެއް، އެއް ޝިއާރެއްގެ ދަށުން ކުރިޔަށް ގެންދާތާ 2 އަހަރު ފާއިތުވެގެން ގޮސްފައި ވާއިރު، މި ސަރުކާރުން ހަދާން ނައްތާލާފައިވާ ނުވަތަ، ސަރުކާރު މިހާތަނަށް ފެއިލް ވެގެން ގޮސްފައިވާ ގިނަކަން ކަމަށް އެޑްރެސް ކުރެވިގެންދާ ތަނެއް މިއަދު ފެންނާކަށް ނެތެވެ.
އަދި އަމުދުން، ކޯވިޑްގެ އާލަމީ ވަބާއާއި ސަރުކާރުން ހަގުރާމަކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން އިގްތިސާދީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ގައުމު ކުރިމަތި ލާންޖެހި، ވިޔަފާރިތަކާއި އަދި އާންމު އެތައް ބައެއްގެ ވަޒީފާ ގެއްލި، އާންމު ހާލަތު އެތައް ގުނައަކުން ދަށަށް ގޮސްފައިވާއިރުވެސް، މިކަންކަމުގެ ވާހަކަ ހަގީގަތުގައި ވެސް ދައްކާނެ ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ފަރާތެއް ނެތުމަކީ ސިޔާސީ މަސްރަހުން ފެންނާން އޮތް ވަރަށްވެސް ބޮޑު ހުސްޖާގައެއްގެ ގޮތުގައި ނޫނީ މިއަދު ސިފަވާން ނެތްކަމުގައިވެސް ދަންނަވަން ޖެހެއެވެ.
މިގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވާން އޮތް އެއްކަމަކީ، ޑޮލަރުގެ އިންތިހާއަށް އުފުލި، އުފެދިފައި އޮތް ޑޮލަރުގެ ކަޅު ބާޒާރެވެ. ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ގޮސްފައިވާތާ 2 އަހަރާއި ގާތްވަމުން ދާއިރު، އިގުތިސާދީގޮތުން ވިޔަރާފަވެރިން އުފުލަން ޖެހިފައިވާ މިބޮޑު ބުރައިގެ ރުޅިވެރިކަން ވިޔަފާރިވެރިންގެ މެދުގައި އިންތިހާއަށް މިއަދު އެބަ އޮތެވެ. އަދި ޑޮލަރުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވާ ދެއްވާނޭކަމުގައި ސަރުކާރުގެ ވަޒީރުން މިހާތަނަށް ތަކުރާރުކޮށް ދައްކަވާފައިވާ ވާހަކަތަކާއެކުވެސް، މިމައްސަކައަށް އެދެވޭ ހައްލެއް ނުގެނެވި، އޭގެ ނޭދެވޭ އަސަަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންތިހާއަށް ކުރަމުންދާއިރު، މި ބޮޑު އިގްތިސާދީ މައްސަލައަށް އިދިކޮޅު ޕީޕީއެމްއަށް އެޑްރެސް ކުރެވިފައި ނުވާކަމީ ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.
އެހެންކަމުން، ގިނަ ދުވަސްތަކެއް ވާންދެން އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދަމުންދާ އިންޑިއާ އައުޓު ހަރަކާތަކީ އެޕާޓީގެ ހަމައެކަނި ފޯކަސް ކަމުގައިވެ، އެހެން ހުރިކާމެއްގެ މަތިން އެޕާޓީން ހަދާން ނައްތާލުމަކީ، އިންޑިއާ އައުޓު ހަރަކާތުން ސަރުކާރަށް ކުރިމަތިވާ ޕްރެޝަރަށްވުރެ، ސަރުކާރަށް ފައިދާ ބޮޑު ސިޔާސަތެއްގެ ގޮތުގައި މެނުވީ މިއަދު ފެންނާކަށް ނެތެވެ.
ސަބަބަކީ، ކޯވިޑްގެ ކާރިސާއިން ކުރިމަތި ކުރުވި ބޮޑެތި ގޮންޖެހުންތަކާއެކު އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ރައްޔިތުން ތަހައްމަލް ކުރަމުންދާ ނުތަނަަވަސްކަމާއި ދަތިތަކުން އަދިވެސް އަރައިގަނެވިފައި ނުވާއިރު، މިކަންކަމުގެ ވާހަކަ ދައްކާނެ ފަރާތެއް ނެތުމަކީ، ނުވަތަ މިކަންކަމުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނޭ ފަރާތެއް ނެތުމަކީ މިސަރުކާރުގެ ބޮލުގެ ރިހުންތަކަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ލުޔަކަށް ވެގެން ދާނެތީއެވެ.
ގިނަ ކަންކަމުގައި ސަރުކާރަށް "ފްރީ ރައިޑެއް"!
އިދިކޮޅުގެ އިންޑިއާ އައުޓު ހަރަކާތް ޔަގީނުންވެސް ވެގެންދާނީ، ވަރަށް ބޮޑު ބާރަކާއި ދެކޮޅަށް ހިންގޭ ސިޔާސީ ހަރަކާތެއް ކަމުގައެވެ. ސަބަބަކީ އެ ހަރަކާތަކީ ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބޭ ތިބުމާއި ދެކޮޅަށް ހިންގޭ ހަރަކާތަކަށް ވެގެން ދިޔަނަމަވެސް، މިހަރަކާތަކީ އިންޑިއާއާއި ދެކޮޅަށް، އިދިކޮޅު ލީޑަރު ރައީސް ޔާމިން އިސްވެ ހުންނަވައިގެން ހިންގޭ ހަރަކާތެއްގެ ގޮތުގައިވެސް ސިފަވެގެން ދާތީވެސްމެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި މިކަމުގެ ރުޅިވެރިކަން އިދިކޮޅު ޕީޕީއެމްގެ މައްޗަށް އިންޑިއާ ސަރުކާރުގައި ވަރަށްވެސް ބޮޑަށް އޮންނާނޭ ކަމުގައި ގަބޫލު ކުރަން ޖެހެއެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައީސް ސާލިހުގެ ސަރުކާރާ އިންޑިއާއާއި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، އިހުނަށްވުރެވެސް ގާތް މިތުރެއްކަމުގައި އިންޑިއާ ވެގެންދިއުމުގެ ފުރުސަތު ދަނީ އިންތިހާއަށް ތަނަވަސް ވަމުންނެވެ.
އަަދި އޭގެ އިތުރުން، އިދިކޮޅު ޕީޕީއެމްގެ ފޯކަސް ނުވަތަ، ސަމާލުކަން އިންޑިއާއުޓު ނޫން އެހެން ހުރިހާ ކަމެއްގެ މަތިިން ނެތިގެން ދިއުން މިއަދު ވެގެން ގޮސްފައިވަނީ މިސަރުކާރަށް ވަރަށްވެސް ގިނަ ކަންކަމުގައި "ފްރީ ރައިޑެއް" ލިބެން މެދުވެރިވާ އެއް ސަބަބެއްގެ ގޮތުގައެވެ.
ސަރުކާރުން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތާއި، ކަރަންޓުގެ ޚިދުމަތާއި، ބޯހިޔާވަހި ކަމާއި، މުވައްޒިފުންގެ މުސާރައާއި، މަސްވެރިންގެ ޝަކުވާތަކާއި، ދައުލަތުގެ ދަރަންޏާއި މިހެންގޮސް އެތައް ކަމެއްގެ މަތިން އިދިކޮޅު ފަރާތްތަކުން ހަނދާން ނައްތާލައިގެ ތިބޭތިބުން ހަމަ ޔަގީނުންވެސް ސަރުކާރަށް ސިޔާސީ ގޮތުން ވެގެންދާނީ، ލިބިގެން ގޮސްފައިވާ ވަރަށްވެވެސް ބޮޑު "ރަޙުމަތަކަށް" ކަމީ ކަށަވަރުވެ ޔަގީންވާ އޮތް ކަމެކެވެ.
އަދި އިދިކޮޅުގެ މި ސިޔާސީ ޕްރެޝަރުން ސަރުކާރަށް ސަލާމަތް ވެވެން މެދުވެރިވީ ހަގީގީ ސަބަބަކީ އިދިކޮޅު ޕީޕީއެމްއިން ކުރިަޔށް ގެންދާ އިންޑިއާ އައުޓް ކެމްޕޭން ކަމުގައި ވެގެން ގޮސްފައި ވާނަމަ، އިންޑިއާ އައުޓު ކެމްޕޭނަކީ ސަރުކާރަށް ކުރިމަތި ވެގެންދާ ޕްރެޝަރ އަކަށްވުރެ ބޮޑަށް، މިއީ މި ކެމްޕޭންގެ ފައިދާ ސަރުކާރަށް ކުރަމުންދާ ހަރަކާތެއްގެ ގޮތުގައި މިހަރަކާތް ތަރުޖަމާ ކުރުމުގެ ފުރުސަތު އޮތް ކަމުގައިވެސް ދަންނަވަން ޖެހެއެވެ.
One Response
ސަރުކާރެއް އެބަ އޮތޯ؟ ޔާމީނު ބޭނުމެއް ނުވޭ މަގުމަތިން ސަރުކާރު ބަދަލުކުރާކަށް. މިސަރުކާރު ފެއިލްވެ ރައްޔަތުންނަށް ވީ ވަޢޫދުތަކުން ބޮޑުތަނުން ފޭލްވިކަން ރައްޔަތުންނަށް އަންގަދޭން ބޭނުންވަނީ. އެކަން އެކުރަށްވަނީ ބެސްޓްކޮށް. 2023 ސޯލިޙު ހަދާން ނައްތާލައްވާ. އިމްރާނު އެބުނާ މީހުން ނިކުމެގެން އުފުރައިގެން އަންނާނެ އެއްޗެއްނެތް. އެހެނަސް އިންޑިއާ މީހުންލައްވާ ހަނގުރާމަ ޖައްސައިފިއްޔާ އުފުރައިގެން އަންނާނެ އެއްޗެތި އެބަހުރި. ދެން އެދުވަސް ގާތްކޮށްލާފަ ބުނެވޭނީ.