މަގުބޫލު އުޒުރަކާހެދި ކޮޅަށް ހުރެ ނަމާދު ނުކުރެވޭ އަމަލް ކުރާނީ ކިހިނެއް؟

މަގުބޫލު އުޒުރަކާހެދި ކޮޅަށް ހުރެ ނަމާދު ނުކުރެވޭ އަމަލް ކުރާނީ ކިހިނެއް؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ގިޔާމާއި ރުކޫޢު ސުޖޫދަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެންކަމުން، ކުޅަދާނަކަން ލިބިގެންވާ މީހާ، ކޮޅަށް ހުރެގެން އެނަމާދު ކުރަންވާނެއެވެ. ބައްޔެއްގެ ސަބަބުން ނުވަތަ ޢުމުރުން ދުވަސްވުމުގެ ސަބަބުން އެކަމަށް ނުކުޅެދިއްޖެ މީހާ ބިންމަތީ ނުވަތަ ގޮނޑިއެއްގައި އިށީދެ ހުރެގެން ނަމާދު ކުރުން ހުއްދަވެގެންވެއެވެ.

ސޫރަތުލް ބަގަރާގެ 238 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (حَافِظُوا عَلَى الصَّلَوَاتِ وَالصَّلاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ ) މާނައަކީ: "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށްރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް ކިޔަމަންތެރިވެ،މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائمވެ ތިބޭށެވެ!".

މާތް ﷲ ރުއްސުންލެއްވި ޢިމްރާން ބިން ޙުޞައިން ގެ ކިބައިން ރިވާވެގެން ވެއެވެ. "ތިމަން ކަލޭގެފާނުގެ ފުރަގަސްފަރާތު ބަލި ހުރުމުގެ ސަބަބުން ނަމާދު ކުރާނީ ކޮންގޮތަކަށްތޯ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. (صَلِّ قَائِمًا ، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا ، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ) މާނައަކީ: "ކޮޅަށްހުރެ ނަމާދު ކުރާށެވެ. އެކަމަށް ކުޅަދާނަ ނުވެއްޖެނަމަ އިށީދެ އިނދެގެންނެވެ. އެކަމަށްވެސް ކުޅަދާނަކަން ނުލިބިއްޖެނަމަ އޮށޯވެ އޮވެގެންނެވެ".

އިބްނު ގުދާމާ-ރަޙިމަހުﷲ- ވިދާޅުވިއެވެ.

"ކޮޅަށްހުރެ ނަމާދު ކުރުމަށް ނުކުޅެދިއްޖެމީހާ އިށީދެ އިނދެގެން ނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމުގައި ޢިލްމުގެ އަހްލުވެރިން އިޖްމާޢު ވެލައްވައެވެ".

އިމާމް ނަވަވީ-ރަޙިމަހުﷲ-ވިދާޅުވިއެވެ.

"ކޮޅަށްހުރެ ނަމާދު ކުރުމަށް ނުކުޅެދިއްޖެމީހާ، އިށީދެ އިނދެގެން ނަމާދު ކުރުން ހުއްދަވެގެންވާ ކަމުގައި އުއްމަތުގެ ޢިލްމުވެރިން އިޖްމާޢު ވެލައްވައެވެ. އަދި ފަހުން އެނަމާދުތައް އިޢާދަކުރާކަށް ނުޖެހޭނެއެވެ. އަދި ކޮޅަށްހުރެ ނަމާދު ކުރުމެކޭ އެއްވަރަށް ދަރުމަ އާއި ޘަވާބު ވެސް ލިބޭނެއެވެ. ސަބަބަކީ އޭނާ އަކީ ޢުޛުރުވެރިޔަކަށް ވާތީވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَا مَرِضَ الْعَبْدُ أَوْ سَافَرَ كُتِبَ لَهُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا) މާނައަކީ: "އަޅާ ބަލިވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، އޭނާ ރަށުގައި މުގީމުވެ ހުންނައިރު އަދި ރަގަޅު ޞިއްޙަތުގައިވީ އިރު ކުރާކަންތައް ލިޔުއްވިގެން ވެއެވެ".

ނަމަވެސް މިކަމުގައި ސަމާލުވާންޖެހޭ ނުކުތާ އަކީ: ކޮޅަށްހުރެ ނަމާދުކުރުމަށް ނުކުޅެދުނު ކަމުގައިވީނަމަވެސް، ރުކޫޢު ސުޖޫދު އޭގެ އަސްލު ގޮތުގައި ކުރެވޭނެނަމަ އެމީހަކަށް ހުއްދަވެގެން ވަނީ ހަމައެކަނި ގިޔާމުގައި އިށީދެ އިނުމެވެ. ހަމައެހެންމެ، ރުކޫޢު ސުޖޫދު ކުރުމަށް ނުކުޅެދި، އެހެންނަމަވެސް ގިޔާމުގައި ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ ގިޔާމުގައި ކޮޅަށް ހުންނަން ވާނެއެވެ.

ޚުލާޞާ އަކީ އެމީހަކަށް ކުޅަދާނަކަން ލިބިގެންވާ ކަމެއް އެގޮތުގައި ކުރުމެވެ. އަދި ނުކުޅެދުންތެރި ވެއްޖެކަމެއް، ޢުޛުރުވެރިން ކުރާގޮތަށް ކުރާނީ އެވެ.

ނަމާދަށް ސަފު ހަދާއިރު ގޮނޑީގައި ތިބެގެން ނަމާދުކުރާ މީހުން، މުޅި ނަމާދުގައިވެސް އިށީނދެ ތިބެގެން ނަމާދު ކުރާނަމަ ގޮނޑި ބަހައްޓާނީ ސަފާ އެއްވަރަށެވެ. ނަމަވެސް، ގިޔާމުގައި ކޮޅަށް ހުރެފައި، ރުކޫޢު ސުޖޫދުގައި އިށީނދެ އިންނަން ޖެހޭނަމަ، މީހާ ހުންނާނީ ސަފާ އެއްވަރަށެވެ. އަދި ގޮނޑި ތަންކޮޅެއް ފަހަތަށް ޖައްސާފައެވެ.

އެހެންނަމަވެސް، މިކަމުގެ ސަބަބުން ފަހަތުގައި ނަމާދުކުރަން ތިބޭ މީހުންނަށް އުނދަގުލެއް ފޯރައިގެން ނުވާނެއެވެ. އުނދަގުލެއް ފޯރާނަމަ ގޮނޑި ބަހައްޓާނީ ސަފާ އެއްވަރަށެވެ.

والله أعلم.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޜަނގަސުވަަލެެއް!
    ޢަނގަ ހިއަކަިގަތީމާހަދާނީ ކިހިނެއް ހަދާނީ؟ ސީ ލަވަިގަތީމާ ހަދާނީ ކިހިނެއް؟ސުރުޚީގަ އޮތްނަމަ!

Leave a Reply

Your email address will not be published. Required fields are marked *