ކ. މާފުށިން ވިހެއުމަށް ފ. އަތޮޅު ނިލަންދޫ އަށް ގެންދިޔަ އަންހެނަކާއި އޭނާއާއިއެކު ދިޔަ މީހުން އެޗްޕީއޭގެ މިންގަނޑާއި އެއްގޮތަށް ކަރަންޓީންވާން އެންގުމުން އެކަން ކުރަން ބޭނުން ނުވާތީ އަބުރާ ގޮސްފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ނިލަންދޫން ހޮސްޕިޓަލުގައި މަސައްކަތް ކުރާ މީހަކު ބުނެފައިވަނީ އާންމު އުސޫލުން އެރަށަށް އަންނަ ކޮންމެ ބަޔަކަށްވެސް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރަމުން ދާކަމަށެވެ. ކ.މާފުއްޓަކީ މިވަގުތު ފަތުރުވެރިން އަރާފާބައި ހަދާރަށަކަށް ވެފައިވާ އެރަށުން އެހެން ރަށަކަށް މީހުން ދަތުރުކުރާނަމަ އެޗްޕީއޭގެ ލިޔުމަކާއިއެކު ދަތުރުކުރަންޖެހޭ ރަށެއްކަމަށްވާއިރު ނިލަންދުއަށް ޑޮކްޓަރަށް ދައްކަން އައި މީހުން އަތުގައި އެއްވެސް ލިޔުމެއްވެސް ނެތްކަމަށެވެ.
ނަމަވެސް ލިޔުން ނެތްކަމުގައި ވިޔަސް ޑޮކްޓަރަށް ދެއްކުމަށްޓަކައި އެމްބިއުލާންސާއި، ހޮސްޕިޓަލުގެ ނަރުހުންވެސް އެމީހުން ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްޓަކައި ތައްޔާރުވެ ތިބިކަމަށެވެ. އަދި ރަށުގައި މަޑުކުރާނަމަ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް 14 ދުވަހުގެ ކަރަންޓީންވާން ހޮސްޕިޓަލުން އެދުނުކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަން އައި މީހުން ބޭނުންވީ ކަރަންޓީންނުވެ ރަށުގައި ތިބުމަށެވެ.
އޭނާ ބުނީ މިގޮތަށް އެދުމުން ޑޮކްޓަރަށް ދައްކަން އައި ބަޔަކަށްވުމުން ޑޮކްޓަރަށް ދެއްކުމަށްފަހު ލޯންޗާއި ހަމަޔަށް ގެންދާނެކަމަށް ބުނުމުން އެކަމަށްވެސް ޑޮކްޓަރަށް ދައްކަން އައިމީހުން އެއްބަސް ވެފައި ނުވާކަމަށެވެ.
ނިލަންދޫ ހޮސްޕިޓަލުން މިގޮތަށް މައުލޫމާތު ދިންނަމަވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންގަވާ ގޮތުން ގެސްޓްހައުސް ހިންގާ ރަށްތަކާއި އެރަށްތަކުން އެހެން ރަށްތަކަށް ކަރަންޓީން ނުވާގޮތަށް ދަތުރުކުރެވޭނީ 6 ޙާލަތެއްވެއެވެ. ދަތުރުކުރެވޭނީ ސިއްޙީ ކަމެއްގައި، އާއިލާގެ މީހަކު ބަލިވެގެން، ބޭންކިންގ ޚިދުމަތަށް، ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރާ ދަތުރުތައް، ކޯޓުގެ ޚިދުމަތަށް އަދި ސްކޫލަށް ދިޔުމަށް ދެރަށްދެމެދުކުރާ ދަތުރުތަކަށް ކަމުގައި ގައިޑްލައިންގައި ވެއެވެ.
އެޗްޕީއޭއިން ވަނީ ގެސްޓްހައުސްތައް ހިންގަން ފަށާ ރަށްތަކުގައި މާސްއެޅުންވެސް މަޖުބޫރުކޮށްފައެވެ. އަދި ރަށުގައި ޚިދުމަތްދިންނަމަވެސް ގެސްޓްހައުސްތަކަށްދާ މީހުން އާއްމުން ދިރިއުޅޭ ގެތަކަށް ވަދެއުޅުން ވަނީ މަނާކޮށްފައެވެ.
އުސޫލުގައި ބުނެފައިވާގޮތުން ގެސްޓްހައުސްގެ ޚިދުމަތްފެށުމުގެ ހުއްދަ ދެނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ. އަދި މި ޚިދުމަތް ފެށުމަށް ހުއްދަ ދޭނީ، ރަށުގައި ފްލޫ ކުލިނިކާއި، ކަރަންޓީން ފެސިލިޓީ އާއި، އަދި ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީތައް ޤާއިމުވެފައި ހުންނަ ރަށްތަކަށެވެ.
ކޮމެންޓު ފޮނުވާ