މަޝްހޫރު މޮޑެލް އަދި ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ އޭނާގެ ދެވަނަ ދަރިފުޅުގެ ނަން ހާމަކޮށްފިއެވެ.
ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑުވުމާއެކު ކައިލީ ވަނީ އޭނާ ބަނޑުބޮޑު ކަން ސިއްރު ކޮށްފައެވެ. އެގޮތުން ބޭރުތެރެއިން ފެނުން މަދުވުމާއި، ސޯޝަލް މީޑިއާއާ ދުރުވުމާއި ގަޔަށް ދޫ އެއްޗިހި ލުންފަދަ ފަދަ ކަންކަން ކޮށްގެން އޭނާ ވަނީ ބަނޑު 'ފޮރުވަން' މަސައްކަތް ކޮށްފައެވެ.
ނަމަވެސް އެއާ ހިލާފަށް ދެވަނަ ދަރިފުޅަށް ބަނޑުބޮޑު ވުމާއެކު އޭނާ ވަނީ އެކަން މުޅި ދުނިޔެއަށް އަންގާފައެވެ. އަދި ތަފާތު ފޮޓޯތަށް ބަނޑު ފެންނަ ގޮތަށް ވަނީ ސޯޝަލް މީޑީއާގައި ހިއްސާވެސް ކޮށްފައެވެ.
އުމުރުން 24 އަހަރުގެ ކައިލީ އާއި 30 އަހަރުގެ ސްކޮޓަށް ދެވަނަ ދަރިއަކު ލިބޭކަން ރަސްމީކޮށް ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ކައިލީގެ ދެވަނަ ދަރިއަކީ ފިރިހެން ކުއްޖެކެވެ. އޭނާ ވަނީ ދެވަނަ ދަރިފުޅު ވިހެއިކަން ހާމަކޮށް ސޯޝަލް މީޑިއާގައި އެކަން އިއުލާން ކޮށްފައެވެ. އަދި ނަންވެސް އިއުލާން ކުރީ މިފަދަ ޕޯސްޓަކުންނެވެ.
އިންސްޓަގްރާމް ސްޓޯރީގައި އާއްމު ކުރި ޕޯސްޓެއްގައި އޭނާ ޖަހާފައި ވަނީ "ވޮލްފް ވެބްސްޓާ" އެވެ. އެ ނަމާއެކު އޭނާ ވަނީ ހުދުކުލައިގެ ހިތެއްވެސް ޖަހާފައެވެ. ޖަނަވާރުގެ ނަމަކުން ކައިލީ އޭނާގެ ފިރިހެން ދަރިފުޅަށް ނަންދީފައިވާއިރު ދޮށީ ދަރިފުޅަށް ކިޔަނީ ސްޓޯމީ ވެބްސްޓާއެވެ. ސްޓޯމީ ވިހައިފައި ވަނީ 2018 ވަނަ އަހަރުގައެވެ.