ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ގޮވާލައިފި

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2022 11:03
0

ސައިންސްގެ އިލްމުގެ ދާއިރާއިން ކަނބަލުން ކުރިއަށްދިއުމަށް ހުރި ހުރަސްތަކާއި ދަތިތައް ނައްތާލުމަށް ގުޅިގެން މަސައްކަތްކުރުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިކަމަށް ގޮވާލެއްވީ ސައިންސްގެ އިލްމުގެ ދާއިރާގައި މަސައްކަތްކުރާ ކަނބަލުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް" ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެެވެ.

"އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް" ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީމަހުގެ 11 ވަނަ ދުވަހުއެވެ. މިއަހަރު މި ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ބާއްވަމުންދާއިރު، އދގެ އާއްމު މަޖިލީހުންވެސް ވަނީ ދުވަހާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ.

މިގޮތުން ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޝާހިދު ވަނީ އެމަނިކުފާނު ކުރިއަށްގެންދާ ސިލްސިލާ ވީޑިއޯ ޕޮޑްކާސްޓް ސީރީޒްގެ ތެރެއިން، "ވިމެން އިން ސައިންސް ޑޭ"އާ ގުޅުވައިގެން ހާއްސަ ވީޑިއޯ ޕޮޑްކާސްޓެއް ގެނެސްދީފައެވެ.

ޝާހިދު ގެނެސްދެއްވި ވީޑިއޯ ޕޮޑްކާސްޓްގައި ބައިވެރިވެވަޑައިގެންނެވީ ކެނެޑާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް އަދި ނިއުރޯލޮޖިސްޓެއްކަމަށްވާ އުމުރުން 76 އަހަރުގެ ރޮބާޓޭ ބޮންޑާއެވެ. ޝާހިދު ވިދާޅުވީ ވިމެން އިން ސައިންސް ޑޭ ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާއިރު އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ބޭނުންފުޅުވަނީ މުޅި ފެބްރުއަރީމަހު ތެރޭގައި އެކަމަށް ހާއްސަކޮށްގެން މަސައްކަތްތަކެއް ކުރައްވަންކަމަށެވެ. އެގޮތުން ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކޮށް، އެ ދާއިރާއަށް ކަނބަލުން ނެރުމަށް އިތުރަށް ކުރަންވީ މަސައްކަތްތަކާއި ރަނގަޅުކުރަންވީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރަންޖެހޭކަމަށް އާއްމު މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެ ދަތިތަކާއެކުވެސް އެ ކަނބަލުން ސައިންސްގެ ދާއިރާއިން ކުރިއަށްދިޔައީ ދިމާވީ ދަތިތައް ހުރަސްކުރަމުންކަމަށެވެ. އަދި އަންހެނުންނަށް މިއަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަންހެނުންނަށް ކަންކަން ވާނެކަން ސާބިތުކޮށްދޭން ކުރަންޖެހޭ މަސައްކަތްކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މިއީ މިއަދުވެސް އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުން، ހާއްސަ ގޮތެއްގައި ޒުވާން އަންހެން ކުދިންނަށް އޮތް އެންމެ ބޮޑު ހުރަސްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.