ރާއްޖެއިން އިތުރު 1502 މީހުން ކޯވީޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 1502 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 351 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 817 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 163މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 153،368 އަށް އަރާފައެވެ.
އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. މިވަގުތު 16،368 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 62މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
މިދިޔަ 24 ގަޑިއިރު 1908 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 136،749 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،343 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 285 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މިހާރުގެ ޕީކްގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.