އިންޑިއާ އައުޓް މަޖިލިސް ތެރޭގައާއި، މަޖިލީހުގެ ބޭރުގައިވެސް ގޮވާނެ ކަމަށާއި، ޤާނޫނާއި ޚިލާފަށް ސަރުކާރުން ކުރާކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ނުހުއްޓުވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓަރ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަނޑިޔާރުންގެ ގާނޫނަށް ބަހުސް ކުރައްވަމުން މޮސްޓަރ ވިދާޅުވީ ރާއްޖޭގައި ޤާނޫނާއި ޚިލާފަށްތިބި އިންޑިއާގެ ސިފައިން ބޭލުމަށް ހިންގަމުންދާ ހަރަކާތް ހުއްޓުވުމަށް ޝަރުއީ މަރުހަލާ ބޭނުން ކޮށްގެން ކުރަމުންދާ މަސައްކަތަކީ ބަލައި ގަނެވޭ ކަމެއް ނޫންކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތަކީ ޝަރުއީ ނިޒާމަށް އަތްބާނައިގެން ހުއްޓުވޭނެ ކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ. ވަކި ގޮތަކަށް ވަކި މީހަކާއިމެދު ޝަރީއަތް ހިންގައި ކޯޓުތަކުން ހުކުމް ކުރުމަށް ކުރަމުންދާ މަސައްކަތަކީ ނުބައި ނަތީޖާއެއް ނިކުމެދާނެ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުުން މިފަދަ މަސައްކަތެއް އެންމެ ފަހުންވެސް ކުރަން ފެށުމުގެ ނަތީޖާއަކީ ވެރިކަން ވެއްޓުންކަމަށާއި، އެއީ ފިލާވަޅު ހާސިލްކުރަންޖެހޭ ހާދިސާއެއްކަމަށް މޮސްޓަރ ވިދާޅުވިއެވެ.
އިންޑިޔާ ސިފައިން ޖެހޭނީ ފައިބަން. މިތާވަސް ކިޔާނަން، ކަންފަތް މަތީގައި ނުވެސް ޖެހޭނެ. އެހެން ކިޔާނަން. ފަނޑިޔާރުގެއަށް ބިރު ދައްކައިގެން ވަކި ގޮތަކަށް ހުކުމްކުރާ ވާހަކަ މިތާ ނުދައްކާށޭ މިކިޔަނީ މިނިވަން ފަނޑިޔާރުގެއޭ ކިޔާފަ. މިހެން ފަނޑިޔާރުގެއަށް އަތްބާނަން ހަދައިގެން ހަމަބުއްދި ފިލައިގެން އިސްތިއުފާ ދޭންޖެހުނީ.
– މޮސްޓަރ ވިދާޅުވިއެވެ.
މޮސްޓަރ ވަނީ މިއަދުގެ ޖަލްސާގައި ސަރުކާރުން ފަނޑިޔާރުގެއަށް އަތްބާނަން ކުރާ މަސައްކަތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނަވައިގެން ސިޔާސީ ގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ހިންގަމުންދާ އަމަލުތައް ހުއްޓާލައި ޖޭއެސްސީ މިނިވަން ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި "އިންޑިއާ އައުޓް" ހަރަކާތް މުޅި ރާއްޖޭގައި އިތުރަށް ފުޅާވާނެ ކަމަށެވެ. އަދި މިހަރަކާތް ހުއްޓާލާނީ ރާއްޖޭގައި ތިބި އިންޑީއާގެ ސިފައިން ބޭލުމުންކަމަށް އޭނާ ވިދާޅުވިއެވެ.