އެކި ސިފަސިފާގައި ނުފޫޒު ފޯރުވިގެން އިންތިޚާބުން މޮޅުވުމަކީ މޮޅެއްކަމުގައި ބެލޭނެ ޖަަގައެއްނެތްކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޢަލީ ޒައިދު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރުމާއި ގުޅިގެންނެވެ. އަލީ ޒައިދު މިހެން ވިދާޅުވެފައިވާއިރު، އިންތިޚާބާއި ދިމާކޮށް ދައުލަތުގެ ބަޖެޓުގެ ބޭރުން ކޮމަންޑޫ ދާއިރާގައި ކުއްލިއަކަށް ގިނަ މަޝްރޫޢުތަކެއް ހިންގީ އިންތިޚާބަށް ނުފޫޒް ފޯރުވުމަށްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ސަރުކާރުން ވަނީ ކުއްލިއަކަށް ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ގިނަ މަޝްރޫޢުތަކެއް ފަށްޓަވާފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ކޮމަންޑޫ ދާއިރާގެ ސަރުކާރުގެ ބައެއް އިދާރާތަކަށް ގިނަ ޢަދަދެއްގެ ތަކެތިވެސް ހަދިޔާކޮށްފައިވެއެވެ.
ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރުމާއި ގުޅިގެން ޢަލީ ޒައިދު ވިދާޅުވީ، އެކި ސިފަސިފައިގައި ނުފޫޒު ފޯރުވިގެން އިންތިޚާބުން މޮޅުވުމަކީ މޮޅެއްކަމުގައި ބެލޭނެ ޖަަގައެއްނެތްކަމަށެވެ. މުޅިރާއްޖޭގެ ހުރިހާ މަޝްރޫޢެއް އެއްދިމާލަކަށްގެނެވި ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކުރެވުނުކަމަށާއި، މިއީ ރީތި ނަމޫނާއެއް ނޫންކަމަށްވެސް ޢަލީ ޒައިދު ވިދާޅުވިއެވެ. އޭނާ ވަނީ މިއީ ކުރިން އެކަންކަމާ ދެކޮޅަށް އަޑުއުފުލެވިފައިވާ ކަންކަންކަމަށް ވިދާޅުވެ އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ.
އެކި ސިފަސިފައިގައި ނުފޫޒު ފޯރުވިގެން އިންތިޚާބުން މޮޅުވުމަކީ މޮޅެއްކަމުގައި ބެލޭނެ ޖަަގައެއްނެތް. މުޅިރާއްޖޭގެ ހުރިހާ މަޝްރޫޢެއް އެއްދިމާލަކަށްގެނެވި ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކުރެވުނު. މިއީރީތި ނަމޫނާއެއްނޫން. މިއީކުރިން އެކަންކަމާ ދެކޮޅަށް އަޑުއުފުލެވިފައިވާ ކަންކަން.
— Ali Zaid (@alizaid1000) February 5, 2022
ކޮމަންޑޫ ދާއިރާގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދަށް ލިބިފައިވަނީ، ޖުމްލަ 1401 ވޯޓެވެ. މިއީ މި އިންތިޚާބުގައި ވޯޓު ލީ މީހުންގެ %49 އެވެ. ރާޝިދުއާއި އެންމެ ގާތުން ވާދަކުރި ޕީޕީއެމްގެ ކެނޑިޑޭޓް މުސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމްލަ 1161 ވޯޓެވެ. މިއީ މި އިންތިޚާބުގައި ވޯޓު ލީ މީހުންގެ %40 އެވެ. އެމްއެންޕީގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރިން އަބުދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 323 ވޯޓެވެ. މިއީ ވޯޓު ލި މީހުންގެ %11 އެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް ސަރުކާރުން ނުފޫސޒް ފޯރުވިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޔރާއިރު އިންތިޚާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގެ ތަރައްޤީއަށް ޕީއެސްއައިޕީ ބަޖެޓްގައި ކަނޑައެޅި ޢަދަދަށްވުރެ އެތައް މިލިއަން ރުފިޔާއެއް އިންތިޚާބާއި ދިމާކޮށް ޚަރަދުކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމަންޑޫ ދާއިރާއަށް މިއަހަރު 28 މިލިއަން ރުފިޔާ ޕީއެސްއައިޕީ ބަޖެޓްގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ކުއްލިއަކަށް ސަރުކާރުން ފެށި ގިނަ މަޝްރޫޢުތަކާއެކު އެ ދާއިރާގެ ތަރައްޤީއަށް މިހާތަނަށް 254 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.