މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ތިން ކެނޑިޑޭޓުން ވޯޓުލައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.
މިތިން ބޭފުޅުންވެސް މިއަދު މެންދުރު ކުރީގައި ވަނީ ވޯޓު ލައްވާފައެވެ. ތިން ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ކެނޑިޑޭޓް ވޯޓު ލެއްވީ އޭނާގެ އުފަންރަށް ފޯކައިދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ޕީޕީއެމްއާއި، އެމްއެންޕީގެ ކެނޑިޑޭޓަކީ ކޮމަންޑޫއަށް ނިސްބަތްވާ ދެބޭފުޅުންނެވެ. މި ދިބޭފުޅުންގެ ތެރެއިން ޕީޕީއެމްގެ ކެނޑިޑޭޓް ވޯޓުލާފައިވަނީ ކޮމަންޑޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް ވޯޓުލެއްވީ މާލޭގައި ކޮމަންޑޫ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ ފޮއްޓަށެވެ.
ކޮމަންޑޫ ދާއިރާގެ 3 ރަށުގެ އިތުރުން މާލޭގައި ވޯޓުލުން ކުރިއަށްދެއެވެ. ޖުމްލަ 7 ފޮށްޓެއް ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވެއެވެ. މާލޭގައި 2 ފޮށި، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި ވަނީ ފޮއްޓެއް ބަހައްޓާފައެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 3،309 މީހުންނެވެ.
އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4 ޖަހަންދެނެވެ.
ކޮމެންޓު ފޮނުވާ