ބޭކިންގ ސޮޑާ ނުވަތަ ބައިކާބަނޭޓް ސޯޑާއަކީ ބަދިގެތެރޭގައި ތަފާތު ކާތަކެތި ތައްޔާރުކުރުމަށް ގެންގުޅޭ ވަރަށް އާއްމު އެއްޗެކެވެ. އެހެން ނަމަވެސް މިއީ ކާތަކެތި ތައްޔާރުކުރުމުގެ އިތުރުން ވަރަށް ގިނަ އެހެން ކަންކަމުގައިވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.
މިއަދު މިބަލާލަނީ ބޭކިންގ ސޮޑާ ބޭނުންކޮށްގެން ބަދިގެއާއި ގޭތެރޭގައި ދިމާވާ ބައެއް އުދަނގޫ ހާލަތްތަކުން އަރައިގަނެވޭނެ ގޮތްތަކަކަށެވެ.
- މޭވާ އާއި ތަރުކާރީ ސާފުކޮށް ދޮވެލުމަށް
މިއީ އަބަދުވެސް އަހަރެމެން ކުރާ އެހެން ނަމަވެސް މިދުވަސްކޮޅު ހާއްސަ ސަމާލުކަމެއް ދީގެން ކުރާކަމެކެވެ. ގެއަށް ގެނެވޭ މޭވާއާއި ތަރުކާރީން ޖަރާސީމާއި ވައިރަސްތައް ފިލުވާލުމަށް ފެން ތަށްޓެއްގެ ތެރެއަށް އެއްސަމުސާ ބޭކިންގ ސޮޑާ އަޅާށެވެ. އަދި އެފެންގަނޑުގައި އެތަކެތި ދޮވެލާށެވެ.
- ރަގާއި ކާޕެޓް ސާފުކޮށްލުމަށް
ބައެއް ފަހަރަށް ސާފުކުރި ނަމަވެސް ކާޕެޓްގެ ބައެއް ހިސާބުތަކުގައި ނުބައި ވަސް ހިފާ ހަޑިވެފައިހުރެއެވެ. ހޫނުފެން ފޮދަކަށް ބޭކިންގ ސޮޑާ ކޮޅެއް އަޅާލުމަށްފަހު ރޭގަނޑު ނިދުމުގެ ކުރިން ކާޕެޓްގައި ހަޑިވެފައި ހުރި ތަންތަނަށް އަޅާލާށެވެ. ހެނދުނު ހޭލާފައި ވެކިއުމް ކްލީނާއިން ސާފުކޮށްލާށެވެ. ހަޑިތައް ފިލާ ވަސްކެނޑޭނެއެވެ.
- ޓައިލްސް އަދި ފާހާނާ ސާފުކުރުމަށް
ބޭކިންގ ސޮޑާގައި ހުންނަ ލޮނުގެ ސަބަބުން ޖަރާސީމު ނައްތާލާއިރު ފެނާ އެއްކޮށްލައިގެން އުނގުޅާލުމުން ރީއްޗަށް ސާފުވާކަން ފާހަގަކުރެވޭނެއެވެ. މިއީ ސިއްހަތަށްވެސް ރައްކާތެރި ޖީބަށްލުއި ގޮތެކެވެ.
- ލޮއި އަދި ދަގަނޑުން ހަދާފައި ހުންނަ ތަކެތި ރީތިކޮށްލުން
ގޭގައި ގެންގުޅޭ ސަމުސާ، އޫ އަދި ލޯވަށިފަދަ ތަކެތި ދުވަސްވުމުން އޭގެ ދަޅަކެނޑި ބާވެއެވެ. ކިތަންމެވަރަކަށް ދޮވުނަސް އޭގައި އެ ހުންނަ ދަޅަ އަލުން އަނބުރާ ގެނައުންވަނީ ނާދިރުކަމަކަށެވެ. ބޭކިންގ ސޮޑާއިން މީގެ ހައްލުވެސް ހޯދައިދީފިއެވެ.
ހޫނުފެންފޮދެއްގެ ތެރެއަށް ބޭކިންގ ސޮޑާ ސަމުސަލެއް އަޅާފައި އޭގެތެރެގައި އޫ، ސަމުސާ އަދި ލޯވަށިފަދަ ތަކެތި 15 ވަރަކަށް މިނިޓް ބަހައްޓާލާފައި ނަގާށެވެ. އައު އެއްޗެހި ފަދައިން ދަޅަ އަޅާނެއެވެ. އަވަން އަދި އެހެނިހެން ދަގަނޑު ސާމާނުތައް ސާފުކޮށްލުމަށްވެސް ބޭކިންގ ސޮޑާ ފެނަން އެޅުމަށްފަހު ސްޕޮންޖުކޮޅެއް ބޭނުންކޮށްގެން ސާފުކުރެވިދާނެއެވެ.
- އަނދާފައި ހުންނަ ތެލި ސާފުކޮށްލުމަށް
ތެލީގެ ފުލުގައި ހިފުން ނޫނީ އެނދުމަކީ ވަރަށް ގިނައިން ދިމާވާކަމެކެވެ. ބައެއް ފަހަރަށް އެފަދަ ހާލަތުގައި ތެލީގެ ފުލުގައި ހިފާފައި ހުންނަ އެއްޗެހި ނުނެއްޓިގެން ވަރަށް މަސައްކަތްކުރަން ޖެހެއެވެ. މިކަމުގައިވެސް އެންމެ ފަސޭހަގޮތަކީ ތެއްޔަށް ހޫނުފެން އަޅާފައި ބޭކިންގ ސޮޑާކޮޅެއް އެއްކޮށްލުމަށްފަހު އިރުކޮޅަކު ބެހެއްޓުމެވެ. އޭރުން ސާފުކޮށްލަން ވަރަށް ފަސޭހަވާނެއެވެ.
- ބެދިގެން ފެން ނުހިނގާ ތަންތަން ރަނގަޅުކޮށްލުމަށް
ސިންކުގައި ނުވަތަ ފާހާނާގައި ފެން ބޮޑުވެ ފެންހިންދާއިން ފެން ނުދިއުމަކީ ވަރަށް ގިނައިން ކުރިމަތިލާން ޖެހޭ މައްސަލައެކެވެ. ހޫނުފެނަށް ބެކިންގ ސޮޑާ ސަމުސަލެއް އަޅާލުމަށްފަހު އެއްކޮށްލާފައި ފެންހިންދާ ތަނަށް އަޅާލާށެވެ. އެކަން ހައްލުވާނެވެ.
- ފާރު ސާފުކުރުމަށް
ވަރަށް ގިނަ ފަހަރަށް ގޭގައި ކުޑަކުދިން އުޅޭނަމަ ފާރުގައި ކުރެހުމާއި ފާރު ހަޑިކުރުމަކީ ކުރިމަތިވާ މައްސަލައެކެވެ. އެހެން ދިމާވާނަމަ ފާރު ސާފުކޮށްލުމަށް ފެންކޮޅަކަށް ބޭކިންގ ސޮޑާ އަޅާ އެއްކޮށްލައިގެން ސުޕޮންޖު ކޮޅަކުން ސާފުކުރާށެވެ.
މިއިން ކޮންމެ ކަމަކީވެސް އަހަރެމެންނަށް ގޭތެރޭގައި ކުރިމަތިލާންޖެހޭ މައްސަލަތަކެވެ. މިފަދަ މައުލޫމާތު އެނގިފައި އޮތުމަކީ ޖީބަށްލުއި، ފަސޭހަ ގޮތެއްކަމުގައި ވެދާނެއެވެ. ތަޖުރިބާ ކޮށްލާށެވެ.