ބޮލީވުޑްގެ ދުވަސްވީ މަޝްހޫރު ދެ ތަރިން ކަމުގައިވާ ސަންޖޭ ދަތާއި ސުނިލް ޝެއްޓީ އެކުގައި ފިލްމެއް ކުޅުމަށް ތައްޔާރުވާން ފަށައިފިއެވެ.
12 އަހަރު ފަހުން އަލުން އެކުގައި މި ދެ ތަރިން ފެނިގެން ދާނީ, ފިލްމު "ޔަމްލާ ޕަގްލަ ދީވާނާ"ގެ ޑައިރެކްޓަރ ސަމީރު ކަރްނިކް ހަދަން ނިންމާފައިވާ ކޮމެޑީ ފިލްމަކުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެއެވެ. ނޯތު އިންޑިއާގެ ވާހަކައެއް ކިޔައިދޭ މި ފިލްމުން މި ދެތަރިންގެ އިތުރަށް އީޝާ ގުޕްތާ، ޒައިދް ޚާން، ސައުރަބް ޝުކްލާ އަދި ޖާވިދް ޖެފްރީވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
މީގެ 12 އަހަރު ކުރިން ސަންޖޭ އާއި ސުނިލް ވަނީ އެކުގައި ބައެއް ފިލްމު ތަކުން ފެނިގެން ގޮސްފައެވެ. އެގޮތުން އެންމެ ފަހުން އެކުގައި ކުރި މަސައްކަތަކީ 2010 ގެ "ނޯ ޕްރޮބްލަމް" އެވެ.
އޭގެ ކުރިން ވެސް ދެތަރިން ވަނީ އެކުގައި ކާމިޔާބު އެތައް ފިލްމަކުން ފެނިގެން ގޮސްފައެވެ. "ކާންޓޭ" އާއި "ދަސް" އަދި "ޝޫޓް އައުޓް އެޓް ލޯކަންޑްވާލާ" ފަދަ ފިލްމުތަކުން މި ދެ ތަރިން އެކުގައި ވަނީ ފެނިފައެވެ.
ކޮމެންޓު ފޮނުވާ