ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް 2 އަހަރު، މިމަހުގެ 17 ވަނަ ދުވަހު ފުރޭއިރު، ވެރިކަމަށް އައުމަށް ވެވަޑައިގެންފައިވާ ވައުދުތައް ތަންފީޒު ކުރުމަށާއި، ސަރުކާރުގެ ދުވެލި ހަލުވި ކުރުމަށް ކެބިނެޓަށާއި، ސަރުކާރުގެ ބައެއް ކުންފުނިތަކަށް ބަދަލު ގެނެއުމުގެ މަަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
"ޚަބަރު" އޮންލައިންނަށް ވަރަށް މުޢުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެބިނެޓްގައި މިވަގުތު ތިއްބެވި މުހިންމު ބައެއް ވަޒީރުންގެ ވުޒާރާތަކަށްވެސް ބައެއް ބަދަލުތަކެއް ގެނައުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ. ބައެއް ވުޒާރާތަކުގެ މިނިސްޓަރުން މިހާރު ތިއްބެވި މިނިސްޓްރީން އެހެން މިނިސްޓްރީތަކަށް ބަދަލު ކުރާއިރު، ބައެއް ވަޒީރުންނަށް މަޤާމުގެ ފުރުސަތު ގެއްލުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ޚަބަރު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ތެރޭގެ މުހިންމު ބައެއް މަޤާމުތަކަށް ބަދަލު ގެނައުމަށް ވިސްނުންފުޅު ގެންގުޅުއްވަމުންދަނީ މިހާރަށްވުރެ ބޮޑަށް ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ދައުރުގެ ތެރޭގައި ތަންފީޒު ކުރެއްވުމަށެވެ.
އަދި ޚާއްސަކޮށް މިވީ ދެ އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ސަރުކާރުން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާ އެކި ވުޒާރާތަކާއި ކުންފުނިތަކަށްވެސް ބަދަލުތައް ގެނައުމަށް ހަމަޖެހިފައި ވާކަމަށް ބައެއް މަސްދަރުތަކުން ދަނީ ބުނަމުންނެވެ. މީގެތެރޭގައ،ި ކުންފުނިތަކުގެ ތެރެއިން އިންވެސް ބޮޑެތި ބައެއް ކުންފުނިތަކުގެ އެމްޑީންނަށްވެސް ބަދަލުތަކެއް ގެނައުމަށް މަޝްވަރާކުރެވެމުން ދާކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުގެ ފާއިތުވެގެން މިދާ ދެ އަހަރުގެ ތެރެއިން، ކޯވިޑް19 އާއި ގުޅިގެން މިއަހަރުގެ ތެރޭގައި ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރުމަށް ވަނީ ވަރަށްބޮޑަށް ހުރަސް އެޅިފައެވެ. އަދި އިޤްތިޞާދަށް އައިސްފައިވާ ލޮޅުންތަކާއިއެކު، ސަރުކާރަށް ވަނީ އިތުރު ޕްރެޝަރު ކުރިމަތިވެފައެވެ.
އިޤްތިޞާދީ ހީނަރުކަމާއިއެކު ސަރުކާރުން ދައުރުގެ ބާކީ އޮތް ތިން އަހަރާއި ކުރިމަތިލާއިރު، ވެފައިވާ ވައުދުތައް ތަންފީޒު ކުރެވިދާނެކަމާއިމެދު ގިނަ ބައެއްގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ވެފައިވާ ވައުދުތައް ތަންފީޒު ކުރެވޭނެ ކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ