2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމްއަށް ކާމިޔާބު ކުރިވިއްޖެނަމަ، ވަޒީފާގެ ފުރުދަތުތަކާއި، އެނޫން ފުރުސަތުތަކުގައިވެސް އިސްކަން ދެއްވާނީ ޕީޕީއެމްގެ މެމްބަރުންނަށް ކަމުގައި ކުރީގެ ރައީސް އަދި ޕީޕިއެމްގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ ފަތުހީއަށް ތާއީދު ހޯދުމުގެ ގޮތުން މާލޭގެ ރެސްޓޯރެންޓެއްގައި އެ ދާއިރާގެ ބައެއް މީހުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގައި ރައީސް ޔަމީން ވިދާޅުވީ މިސަރުކާރު ހިންގަމުންދާ ގޮތުން ދެން ވެރިކަމަށް އަންނަ ބަޔަކަށް ވަރަށް ގިނަ ކަންކަން ދަސްކޮށްދެމުންދާ ކަމަށެވެ. 2023ގެ އިންތިޚާބު ޕީޕީއެމްއަށް ކާމިޔާބު ކުރެވިއްޖެނަމަ މިސަރުކާރުން އަމަލު ކުރަމުންދާ އުސޫލުން، ޕާޓީގެ މެމްބަރުންނަށް ނޫން ބަޔަކަށް ވަޒީފާގެ ފުރުސަތާއި އެނޫންކަންކަން ވެސް ކުރުމުގައި އިސްކަން ނުދެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
2023 ގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ހިދުމަތް ކުރަން ލިބިއްޖެ ނަމަ، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ވިޔަސް އަދި މުވައްސަސާތަކުގެ ވަޒީފާތައް ވިޔަސް މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ހަމަ ޕީޕީއެމް ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އަޅުގަނޑުމެން އޭރު އިސްކަންދޭނަން މިހާރު އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ މީހުންނަށް.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިހާރު ވަޒީފާތަކުގައި ތިބި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން މީހަކު ވަޒީފާ ގެއްލުނު ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އެމީހުންގެ ވަޒީފާ އަލުން އިއާދަކޮށް ދެއްވާނެ ކަމަށެވެ. އެހެން ނޫނީ އެއަށްވުރެ ބޮޑު ވަޒީފާއެއް ދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. މީގެއިތުރުން ވަޒީފާ ގެއްލުނު މީހުންނަށް ގާނޫނީ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދެމުން އަންނަ ކަން ޔާމީން ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީން ވަނީ ކޯލިޝަންގެ ލީޑަރު ޤާސިމް އިބްރާހިމް އާސަން ސްކީމާއި ގުޅޭގޮތުން ދެއްކެވި ވާހަތަކަށްވެސް މިބައްދަލުވުމުގައި ރައްދު ދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އާސަންދައަކީ ވަކި ޕާޓީއެއްގެ ވަކި ސިޔާސަތަކަށް ތާއީދުކުރާ މީހުންނަށް އެކަނި އޮތް އެއްޗެއް ނޫންކަމަށެވެ. އެދީ ދިވެހި ރައްޔިތުންގެ ފައިސާއިން ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ ބޭސްފަރުވާ ކުރުމަށް ހަދާފައިވާ ވަސީލަތަކަށްވާއިރު، މިކަން ވާންޖެހޭނީ ވަކި ޕާޓީއަކަށް ވަކި ވިސްނުމަކަށް ތާއީދު ކުރާ މީހުންނަށް އެކަނި ނޫންކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އެއީ ގާސިމް އިބްރާހިމްގެ ފައިސާއެއް ނޫން، ރައީސް ޔާމީންގެ ފައިސާއެއް ވެސް ނޫން. އެއީ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ ފައިސާ ބަހާއިރު އެކަން އޮންނަން ވާނީ އުސޫލެއްގެ މަތިން. އެހެންވީމަ އާސަންދައިގެ އެހީ ލިބެން ވާނެ. މަރޮށީގައި ހުންނަ ޕީޕީއެމް މީހާއަށް ވެސް ލިބެން ވާނެ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް ކޮމަންޑޫ ދާއިރާގެ އިލެކްޝަނަކީ ޕީޕީއެމްގެ ކެނޑިޑޭޓަށް އެދާއިރާގެ ރައްޔިތުންގެ ފުރިހަމަ އައުލަބިއްޔަތުން އިންތިޚާބު ވާނެ ގޮޑިއެއް ކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ. ހަމައެހެންމެ މިއިންތިޚާބަކީ ހަމައެކަނި ކޮމަންޑޫ ދައިރާއާއި ހަމައިން ނިމޭ އިންތިޚާބެއް ނޫންކަމަށާއި، މިއީ ރާއްޖޭގެ މިނިވަންކަމަށް ކުރާ މަސައްކަތާއިވެސް ގުޅިފައިވާ އިންތިިޚާބެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، މިއިންތިޚާބުގެ ކެމްޕެއިން ފޯރި ގަދަވެ، އިންތިޚާބުގައި ވާދަވެރި ކެމްޕެއިނެއް ދަނީ ކުރަމުންނެވެ.
2 Responses
ތިހާ ނުލަފާ މީިިިހަކަށް ދޭނެ ވޯޓެއް ނޯންނާނެ
ދޮގު ޖަމީލު ޔާމިނަކަށް އެ ފުރުސަތެއް ނުދޭނެ ހަމަ ޔަގީން