މާލޭ ސިޓީގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަށް ސަރުކާރުން އިޖާބަ ދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
މޭޔަރު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ މިދައުރަށް ރައްޔިތުން އެބޭފުޅުން އިންތިޚާބުކޮށްގެން މަޤާމަށް ވަޑައިގެންނެވިތާ މިހާރު އަށްމަސް ދުވަސް ފާއިތުވީ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް ކައުންސިލުން އެދުނު އެއްވެސް ކަމަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށެވެ. މާލޭ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަށް ސަރުކާރުން އިޖާބަ ނުދޭންވީ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ސަރުކާރުން އެގޮތަށް ކަންތައް ކުރި ނަމަވެސް މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށްޓަކައި ކުރަމުންދާ އެއްވެސް ކަމެއް ހުއްޓައިނުލާނެ ކަމަށާއި ދާނީ ކުރިއަށް ކަމަށެވެ.
އަޅުގަނޑު ހަމަ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން ބޭނުންވާ ސުވާލެއް، މާލޭ ރައްޔިތުންނަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަތުމަށް އެދޭ ސުވާލެއް، ކީއްވެތޯ އަށްމަސް ވަންދެން އަޅުގަނޑުމެން މިކުރި އެއްވެސް ކަމަކަށް އެމަނިކުފާނު އިޖާބަ ނުދެއްވައިގެން އެ އުޅުއްވަނީ؟ އަޅުގަނޑާއި އެމަނިކުފާނާ ބައްދަލުވި ފަހަރު އަޅުގަނޑު ހުށަހެޅިން ލިސްޓެއް. އެ ލިސްޓުގައި ހުރި ހުރިހާ ކަމަކަށް ވިދާޅުވި އިޖާބަ ދެއްވާނެ ކަމަށް. އަށްމަސް ވީއިރު އެއް ކަމަކަށް ވެސް އިޖާބަ ނުދެއްވަނީ. އެހެންވީމަ އެހާބޮޑު އިހުމާލެއް މާލޭ ރައްޔިތުންނަށް ވެވަޑައިގަންނަވަނީ ކީއްވެތޯ، ސަރުކާރުން ދެއްވަން ޖެހޭނެ ޖަވާބެއް.
– މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު
މާލޭގެ މޭޔަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބުރައީސް ވިދާޅުވީ ވަރަށް ސާފުކޮށް މާލޭ ރައްޔިތުން މިފަހަރު ސިޓީ ކައުންސިލުގެ މެޖޯރިޓީ ދިނީ ޕީޕީއެމަށް ކަމަށެވެ. އެއީ ޕީޕީއެމްގެ ފިކުރުގައި ތިބި ބަޔަކަށް މާލޭ ރައްޔިތުން ބޭނުންވާ ކަންކަން ޙައްލުކޮށްދެވިދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮވެގެން ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ. އެކަމުން އެނގިގެންދަނީ ނިމިގެންދިޔަ ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި މާލޭގައި ކުރެވިފައި ހުރި ތަރައްޤީގެ ކަންކަން ރައްޔިތުން ބަލައިގަންނަކަން ކަމަށް ރައީސް ޔާމީނުގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނަވައި މާލެއަށް ތަރައްޤީގެ މުޅިން އައު ކުލަތަކެއް ގެނެސްދެއްވި ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭ ރައްޔިތުންގެ އުންމީދުތަކަށް އަލިމަގެއް ގެނެސްދޭނެ ކަމަށް ޤަބޫލުކޮށް ރައްޔިތުން ދިން ފުރުޞަތުގައި އަތްއުރާލައިގެން ނުތިއްބަވާނެ ކަމަށާއި ރައްޔިތުން އެދޭ މިސްރާބަށް ދިއުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން އަދިވެސް ޑިމޮކްރެޓިކް ހަމަ ޤަބޫލުކޮށް ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން މިދަނީ ވަރަށް އެއްބާލުން ދެމުން. އަޅުގަނޑުމެން ކޮންމެ ދުވަހަކު މީޑިއާއަށް އަރައި ނުކިޔަނީ އެކި މިނިސްޓްރީތަކާއި އެކި ކުންފުނިތަކުން އެދޭ ކަންކަމުގައި އަޅުގަނޑުމެން ދެމުންދާ އެއްބާރުލުން. ލިސްޓު ހަދައިފިއްޔާ ކޮންމެ ދުވަހަކު ޕްރެސްއެއް ބާއްވާފައި މިއަދު މިވެނި ތާކުން އެދުނު ކަމެއް ކޮށްދީފީމޭ ކިޔާނެހާ ކަންކަން އެބަކޮށްދެން. އެކަމަކު އަޅުގަނޑުމެން އެކަން ނުކުރަނީ. އަޅުގަނޑުމެން ބޭނުންވަނީ ސީރިއަސް މަސައްކަތްތަކެއް މާލޭގެ ރައްޔިތުންނަށްޓަކައި ކޮށްދޭން.
– މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު
އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށްޓަކައި ސިޓީ ކައުންސިލާ އެކީގައި ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެއީ އަދިވެސް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ދުވަހެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ